
އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރަނީ މި ސަރުކާރުން: ރައީސް

އަޙްމަދު ސަދޫފް މޫސާ

SHARE
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، ރާއްޖޭގެ ހުރިހާ ލޮބުވެތި ކަނބަލުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

ރައީސް މި ތަހުނިޔާ ފޮނުއްވީ ޕީއެންސީން ރޭ ބޭއްވި 'ދަ ގްރޭޓާ އައްޑޫ ވިޝަން' ގެ ތަފްސީލު ލޯންޗުކުރުމުގެ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، މި ސަރުކާރަކީ އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރުކަން ފާހަގަކުރައްވައި، މިހާތަނަށް އައިއިރު ނަތީޖާއިން އެކަން ދައްކުވައިދީފައިވާނެ ކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް (ޑަބްލިއުޑީސީ) ބާރުވެރިކުރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ކުރިއެރުމަށް ކުރެވުނު ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭގޮތް ހަމަޖައްސައިދީފައިވާނެ ކަމަށެވެ. އަދި ޑަބްލިއުޑީސީގެ ރައީސާއަކީ ރައްޔިތުންގެ ވޯޓުން ހޮވާ، ފުލްޓައިމް އެގްޒެކެޓިވް މަޤާމަކަށް ބަދަލުކުރެއްވީވެސް މި ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކައުންސިލްގެ ބަޖެޓުން ލިބެމުންދިޔަ ފަހެއް އިންސައްތަ، ދިހައެއް އިންސައްތައަށް އިތުރުކޮށްދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރޯދަ އިނާޔަތް ދޭންޖެހޭނީ އެ ބޮޑުކުރި ބަޖެޓުގެ ތެރެއިން ނޫންކަމަށާއި، އެއީ ކައުންސިލްގެ ބަޖެޓުން ދޭންޖެހޭ އެއްޗެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށްޓަކައި އެކި ލޯނުތައް ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި އެދާއިރާއިން ގިނަ ކަންތައްތަކެއް ކުރުމަށް ތަރުތީބުކުރެވިފައިވާ ކަމަށެވެ. މިކަންކަން ރިޔާސީ ބަޔާނުގައިވެސް ހިމަނާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރުމަކީ އަދި ވިމެން އެންޕަވަމަންޓް މެއިންސްޓްރީމްކުރަކީ ސަރުކާރުގެވ ސިޔާސަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުން މި ސިޔާސަތު ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒު ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.





