އައު އަހަރަށް ބޭންކުތައް ބަންދުވިޔަސް، ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ

އަޙްމަދު ސަދޫފް މޫސާ

ބޭންކް އޮފް މޯލްޑިވްސް -- ބީއެމްއެލް
SHARE
އައު އަހަރާ ދިމާކޮށް ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ބޭންކުތައް ބަންދުވި ނަމަވެސް، ބޭންކިން ޚިދުމަތްތައް މެދުނުކެނޑި ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބޭންކުތައް ބަންދުވާނީ 31 ޑިސެންބަރު 2025 އިން ފެށިގެން 3 ޖަނަވަރީ 2026 ގެ ނިޔަލަށެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކުތައް ދެން ރަސްމީކޮށް ހުޅުވާނީ 4 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހުއެވެ.
ބީއެމްއެލް އިން މަޢުލޫމާތު ދޭ ގޮތުގައި، ބޭންކު ބަންދު މި ދުވަސްތަކުގައި ވެސް އިންޓަނެޓް ބޭންކިންގ، ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް އަދި އޭޓީއެމް މެދުވެރިކޮށް ހުރިހާ ބޭންކިން ޚިދުމަތެއް ކަސްޓަމަރުންނަށް ލިބޭނެއެވެ. މީގެ އިތުރުން، ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތްތައް ވެސް އޭޓީއެމްތައް މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެއެވެ.
ކަސްޓަމަރުންނަށް ދިމާވާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުގެ ކޮންޓެކްޓް ސެންޓަރުގެ ނަންބަރު 3330200 މެދުވެރިކޮށް ޚިދުމަތް ދެމުންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ބޭންކުގެ ވެބްޗެޓް އަދި ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ވެސް ކަސްޓަމަރުންނަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ލިބޭނެ ކަމަށް ވެސް ބޭންކުން މައުލޫމާތު ދެއެވެ.



