މި އަހަރުވާނީ ދިވެހިން އެދޭ ތަރައްގީ ހޯދުމުގައި އިތުރު ކުރިއެރުން ލިބޭނެ އަހަރަކަށް: ރައީސް

އަޙްމަދު ސަދޫފް މޫސާ

ރައީސް ޑރ މުހައްމަދު މުއިއްޒުއަށް އުނގޫފާރުން މަރުހަބާ ދަންނަވަނީ
SHARE
މިއަހަރަކީ ދިވެހި ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލުކުރާނޭ އަހަރަކަށް ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ. ރައީސްގެ ހިތާބުގައި ވިދާޅުވީ، ދިވެހިންނަކީ ކޮންމެ އަހަރަކުވެސް ކުރީ އަހަރަށްވުރެ ބޮޑު ކުރިއެރުމެއް ހޯދުމަށް މަސައްކަތްކުރާ ބައެއް ކަމަށެވެ.
އަދި ތަރައްގީއަށްޓަކައި އަޅާ ކޮންމެ ބިންގަލެއްގެ މަތީގައި ކުރާ ބިނާތައް ފުރިހަމަކޮށް ވަރުގަދަކުރުމަށް ދިވެހިން ކުރާ ހިންމަތް ތާރީހުން ސާބިތުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ވަފާތެރި އަދި ގާބިލު ދިވެހި ދަރިންތަކެއް ބިނާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ރާއްޖެ ގެންދިއުމަށް ކަނޑައަޅާފައިވާ އަމާޒަށް ދަތުރުކުރުމުގައި މިއަހަރު އިތުރު ކާމިޔާބީތަކެއް ހޯދުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަންނަ އަހަރަކީ ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރޭ މުނާސަބާ ދިވެހިންނާ ބައްދަލުކުރާނެ އަހަރުކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިއީ މި ޖީލުގެ ދިވެހިންނާ ބައްދަލުވާނެ އެންމެ ހައިބަތުހުރި އެއް ތާރީހީ މުނާސަބަތު ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ހިތާބު ނިންމަވާލެއްވީ ކޮންމެ އައު އަހަރަކީވެސް ފަރުދީގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމަށްޓަކައި ކޮށްދެވޭނީ ކޮން ހިދުމަތްތަކެއްތޯ ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް އަޒުމު އައުކުރުމަށް އިލްތިމާސްކުރައްވަމުންނެވެ.





