

SHARE
ޕީއެންސީގެ ލޯގޯގައި ހިމެނޭ ދޫންޏަށް ވޯޓު ދީގެން ރައްޔިތުންނަށް ވާނީ ފައިދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި "ދަ ގްރޭޓާ އައްޑޫ ވިޝަން" ގެ ތަފްސީލު ލޯންޗުކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތަކަށް ގެއްލުމެއް އޮތް ކަމެއްގައި ވޯޓަށް ނާހާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ފައިދާއެއް އޮތް ކަމެއް މެނުވީ ތަންފީޒު ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ޕީއެންސީގެ ލޯގޯގައިވާ ދޫންޏަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ދޫންޏަށް ވޯޓް ދީގެން ވާނީ ފައިދާ ކަމަށެވެ. އެމަނިކުފާނުގެ ތާއީދާއެކު ޕީއެންސީން ކުރިމަތިލީ އެއްވެސް ކެންޑިޑޭޓަކަށް ވޯޓް ދީގެން ރައްޔިތުންނަށް ގެއްލުމެއް ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އަންނަ މަހުގެ ހަތަރުވަނަ ދުވަހު އޮންނަ އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ހުރިހާ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަދި އެ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި "އާއެކޭ" އަށް ވޯޓް ދެއްވުމަށް ވެސް އެމަނިކުފާނު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.







