
ދެމަފިރިންގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލައިފި

އަޙްމަދު ސަދޫފް މޫސާ

ރަސްމާލެ ހިއްކުމުގެ މަސައްކަތް އިފްތިތާހުކުރެއްވި ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
SHARE
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ކައިވެނިކޮށްގެން އުޅޭ ފަރާތްތަކުގެ ތެރެއިން އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް އެދި ހުށަހެޅޭ ގޮތަށް މިއަދު ފުރުސަތު ހުޅުވާލައިފިއެވެ.

އަނބިމީހާ ނުވަތަ ފިރިމީހާގެ ގޯއްޗެއް އޮތްކަމުގައިވީ ނަމަވެސް، ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ހައުސިން މިނިސްޓްރީން އައު އުސޫލެއް ހަދަިއ، އެކަން އިއުލާނުކުރީ މިދިޔަ ބުދަ ދުވަހުއެވެ. އެ ދުވަހު މިނިސްޓްރީން ބުނި ގޮތުގައި ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ މިއަދުން ފެށިގެންނެވެ.
މި މަޝްރޫއުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އޭޕްރީލް މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 އެވެ. މިނިސްޓްރީން ބުނި ގޮތުގައި، މި އުސޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން 1,250 އަކަފޫޓުގެ ގޯތިތަކެކެވެ. ގޯއްޗަށް އެދި ހުށަހަޅަން ޖެހެނީ ޚާއްސަ ޕޯޓަލް މެދުވެރިކޮށެވެ.
ގޯއްޗަށް ކުރިމަތިލުމަށް ކަނޑައަޅާފައިވާ ކެޓަގަރީތައް
ގޯއްޗަށް ކުރިމަތިލުމަށް މިނިސްޓްރީން ވަނީ ދެ ކެޓަގަރީއެއް ކަނޑައަޅާފައެވެ. އެއީ:

- ކެޓަގަރީ 1: މާލޭގެ ރަށްވެހިން
- ކެޓަގަރީ 2: މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން
މިނިސްޓްރީން ބުނި ގޮތުގައި، ގޯއްޗަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މިހާރު ވަނީ އިއުލާނުގައި ބަޔާންކޮށްފައެވެ.
މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 4004860 އިން ފެށިގެން 4004865 އާ ހަމައަށް ހުރި ނަންބަރުތަކަށް ގުޅުއްވުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ. މީގެ އިތުރުން އީމެއިލް މެދުވެރިކޮށްވެސް މައުލޫމާތު ހޯދޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.




