ފަސް އަހަރުން އާސަންދައިގެ ބޭރުން ބޭސްފަރުވާއަށް 35.8 ބިލިއަން ޚަރަދުކުރި

އަޙްމަދު ސަދޫފް މޫސާ
.jpg&w=3840&q=75)
ސަރުކާރުގެ މައި ހޮސްޕިޓަލް ކަމުގައި ކަނޑައަޅާފައިވާ ދަރުމަވަންތަ ހޮސްޕިޓަލް --- ނުކުތާ ފޮޓޯ
SHARE
ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށާއި ބޭސްފަރުވާއަށް އާސަންދައިގެ ބޭރުން، ދައުލަތުން ޖުމުލަ 35.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުގެ ރިޕޯޓަކުން ދައްކައިފިއެވެ.

އާސަންދަ ސްކީމުގެ ޚަރަދުތަކާ ގުޅޭގޮތުން ނެރުނު މި ރިޕޯޓުގައިވާ ގޮތުން، 2019 އިން 2024 އަށް ބޭސްފަރުވާއަށް އެވަރެޖުކޮށް އަހަރަކު 5.97 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސަރުކާރު ހޮސްޕިޓަލްތައް ހިންގުމަށް ކުރާ ހޭދަ ފިޔަވައި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކުރަނީ އާސަންދަ ސްކީމަށެވެ. އެގޮތުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އާސަންދަ ސްކީމަށް އެކަނިވެސް 16.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ އަހަރަކަށް ބަލާއިރު އެވަރެޖުކޮށް 2.68 ބިލިއަން ރުފިޔާގެ ޚަރަދެކެވެ.
މި ރިޕޯޓުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަމަކީ، ޚިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވާ ނިސްބަތަށްވުރެ ޚަރަދު އިތުރުވާ ނިސްބަތް ބޮޑުތަނުން އިތުރުވެފައިވާ ކަމެވެ. އެގޮތުން 2019 އިން 2023 އަށް ސްކީމުން ޚިދުމަތް ހޯދި މީހުންގެ އަދަދު އިތުރުވީ ހަތް ޕަސެންޓް ނަމަވެސް، އެ މުއްދަތުގައި ސްކީމުގެ ޚަރަދުތައް ވަނީ 32 ޕަސެންޓް އިތުރުވެފައެވެ.
އާސަންދައިގެ ޚަރަދުތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ ބޭހަށް ކުރާ ހޭދައެވެ. ބޭހަށް އެވަރެޖުކޮށް އަހަރަކު 924 މިލިއަން ރުފިޔާ ޚަރަދުކުރާއިރު، މި ޚަރަދު ކޮންމެ އަހަރަކު ހަތް ޕަސެންޓް އިތުރުވަމުންދާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. މިގޮތަށް ޚަރަދު އިތުރުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރުޕީ) ތަންފީޒު ނުކުރެވުމާއި، ބޭހުގެ އަގު ކޮންޓްރޯލް ނުކުރެވުން ހިމެނެއެވެ.

މީގެ އިތުރުން، އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ކުރާ ހޭދަވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން 2019 އިން 2024 އަށް އަމިއްލަ ހޮސްޕިޓަލްތަކަށް 3.1 ބިލިއަން ރުފިޔާ އަދި ކްލިނިކްތަކަށް 779.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ކްލިނިކްތަކަށް ކުރާ ޚަރަދު އަހަރަކު 18 ޕަސެންޓް އިތުރުވަމުންދާއިރު، މި ޚަރަދުތައް ހިފެހެއްޓުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަން އޮޑިޓް އޮފީހުން ފާހަގަކުރިއެވެ.
މި މައްސަލަތައް ހައްލުކުރުމަށްޓަކައި، ބޭހުގެ އަގުތައް ކޮންޓްރޯލް ކުރުމަށް އެމްއާރުޕީ ގަވައިދަށް އަމަލުކުރުމަށާއި، އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނު ފުރިހަމައަށް ތަންފީޒުކުރުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ. އަދި ސްކީމަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ނިޒާމަކަށް ހެދުމަށް ސިޔާސަތުތައް މުރާޖައާ ކުރުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.




