ހައުސިން މައްސަލައިގައި ތުޅާދޫ ކައުންސިލުން ހައުސިން މިނިސްޓްރީ ކޯޓަށް ގެންދަނީ
.jpg&w=3840&q=75)
ހާއިމް އަހްމަދު ހާޝިމް

ބ. ތުޅާދޫގައި އިމާރާތް ކޮށްފައިވާ 100 ހައުސިންގް ޔުނިޓު -- ފޮޓޯ: އޭދަފުށި ވޮއިސް
SHARE
ގާނޫނީ ވަކީލެއްގެ ލަފާ ގެ ދަށުން ކުރެވެން އޮތް ނަމަ ހައުސިން މިނިސްޓްރީ ކޯޓަށް ހާޒިރު ކުރުމަށް ބ. ތުޅާދޫ ކައުންސިލުން ނިންމައިފިއެވެ.

ތުޅާދޫ ކައުންސިލުން މި ގޮތަށް ނިންމީ އަންގާރަ ދުވަހު ބޭއްވި އެ ކައުންސިލުގެ 4 ވަަނަ ދައުރުގެ 270 ވަނަ އާންމު ޖަލްސާގައިއެވެ.
ތުޅާދޫ ކައުންސިލުން މި ގޮތަށް ނިންމީ ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިންގް ޔުނިޓާ ގުޅިގެން ތުޅާދޫ ކައުންސިލުން ކޮށްފައިވާ މަސައްކަތްތަކާއި އިއުލާނުތައް ހައުސިން މިނިސްޓްރީން ބާތިލުކޮށްފައިވާތީ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.
ނަމަވެސް މި މައްސަލަ ޝަރީއަތަށް ހުށަހަޅާނީ ގަނޫނީ ލަފާ ދޭ ވަކީލެއްގެ ލަފަޔާ އެކީގައި ކަމަށް ތުޅާދޫ ކައުންސިލުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން "ނުކުތާ" އަށް މައުލޫމާތު ދެއްވަމުން ތުޅާދޫ ކައުންސިލުގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވީ، ކައުންސިލުގެ ހިތްހަމަ ނުޖެހުމަކީ ރައްޔިތުންގެ ކަންބޮޑުވުން ކަމަށެވެ.

ސަބަބަކީ ތުޅާދޫ ކައުންސިލުން އެ ރަށުގައި އިމާރާތް ކުރި 100 ހައުސިން ޔުނިޓު އިއުލާނުކޮށް، ހުރިހާ މަރުހަލާއެއް ނިމި، ކައުންސިލުން އެގުރިމެންޓުގައި ސޮއިކުރާ ހިސާބަށް ދިޔުމުން، ހައުސިން މިނިސްޓްރީން އެކަން ބާތިލުކޮށް އަލުން އެ މިނިސްޓްރީން އިއުލާނު ކުރުން ކަމަށް އާދިލް ވިދާޅުވިއެވެ.
އަދި އޭރުން، އެ ހައުސިން ޔުނިޓުތައް އިއުލާނުކުރުމާއި، ޝަކުވާއަށް ފުރުސަތު ހުޅުވާލުމާއި، ވަގުތީ ލިސްޓާއި ދާއިމީ ލިސްޓު އިއުލާނު ކުރުން ފަދަ މަރުހާލާތައް އަލުން މިނިސްޓްރީގެ ފަރާތުން ކުރުމުގެ ސަބަބުން ރައްޔިތު މީހާ އަށް ފުލެޓު ހަވާލު ކުރުން ދިގު ދެމިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހިސާބަށް އައި އިރުގަ ދެން އަނެއްކާ މިނިސްޓްރީން އިއުލާނުކޮށްގެން، ފޯމު ހުށަހަޅައިގެން، ޝަކުވާ ހުށަހަޅައިގެން، ހަމަ މުއްދަތުތަކެއް ދިގުލާ ދާނެ ކަމަށް އަސްލު ގިނަ ރައްޔިޔުންގެ ކަންބޮޑުވުމަކީ - ތުޅާދޫ ކައުންސިލުގެ ރައީސް އިބްރާހިމް އާދިލް
މީގެ އިތުރުން އާދިލް ވިދާޅުވީ، އެ ކައުންސިލުގެ އެދުމަކީ ރަށު ރައްޔިތުން އެދޭ ގޮތަށް މިނިސްޓްރީން އެކަން ކުރިއަށް ނުގެންގޮސް، ކައުންސިލާ އަލުން ހަވާލު ކުރުން ކަމަށެވެ. ސަބަބަކީ ކައުންސިލުން މިހާރު އެގްރިމެންޓުގައި ސޮއި ކުރާ ހިސާބަށް ގޮސްފައި އޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކައުންސިލުން އެދެނީ ހައުސިން ޔުނިޓުތައް ރައްޔިތުންނާ ހަވާލު ކުރުމަށް ނިންމަން ޖެހޭ ހުރިހާ މަރުހަލާއެއް ކައުންސިލުން ނިންމާފައި އޮއްވައި، މިނިސްޓްރީން އެކަމަށް ހުރަސް ނާޅާ ކައުންސިލަށް އެކަން ނިންމާލުމަށް ފުރުސަތު ދިނުން ކަމަށްވެސް އެ ރަށު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
އަދި މި ކަމުގައި މިނިސްޓްރީން ކައުންސިލަށް ދޭ އެއްބާރުލުން ކުޑަ ކަމަށާއި، މިނިސްޓްރީގެ ބޭފުޅުންނާއެކު ބައްދަލުވުމެއް ބޭއްވެނީވެސް ވަރަށް އުނދަނގުލުން ކަން އާދިލް ފާހަަގަ ކުރެއްވިއެވެ.



