ވިލިނގިލިން ހައްޔަރުކުރި މީހުންގެ އެކައުންޓުތަކުން 300 މިލިއަން ރުފިޔާ ދައުރުކުރި
.jpg&w=3840&q=75)
ޒެނީޝާ ފަތުހީ

SHARE
ގއ. އަތޮޅުގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން އަލިމަގުގެ ތެރެއިން ހައްޔަރުކުރި މީހުންގެ އެކައުންޓްތަކުގައި ފަާއިތުވި ފަސް އަހަރު ތެރޭ 300 މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަހުގީގުން އެނގުން ގޮތުގައި އެމީހުންގެ އެކައުންޓުތަކުގައި ފާއިތުވި ފަސް އަހަރުގެ ތެރޭގައި އިތުރު ހަތަރު ލައްކަ ޑޮލަރު ވެސް ވަނީ ދައުރުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި، ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިއާއި މަނީ ލޯންޑަރިންގެ އަމަލުތައް ކުރަމުންދިޔަ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވި ބައެކެވެ.

އެ ހަތަރު މީހުންނަކީ ވެސް ގއ. ވިލިނގިއްޔަށް ނިސްބަތްވާ މީހުންނެވެ. އެ މީހުންނަކީ ޝެވޯނާ, ޝައްފާހް ލަތީފް 28އ އާއި މިޔުޒިކީއާގެ, އަހްމަދު މަދީހް 33އ އާއި އައިޒަން , އަހްމަދު އަނާމް އިބްރާހިމް 30އ އާއި އަރާއިރުގެ, މޫރުއްނިޡާމް 35އ އެވެ.
މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ވަނީ ހާޒިރުކޮށްފައެވެ. އަދި ޝައްފާނާއި މާދިހާއި އަނާމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ ނިންމާފައެވެ. އަދި ނޫރުއްްނިޡާމް 15 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މިއީ ގއ. އަތޮޅުގައި ފުލުހުން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން އަލިމަގު" ގައި ހައްޔަރުކުރެވުނު މީހުންނެވެ. އަދި މިއީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކޮށް މަނީ ލޯންްޑަރިންގެ އަމަލުތައް ކުރަމުންދާ ނެޓްވޮކްތައް ހުއްޓުވުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
މި ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ހޯދުމަށް މި އޮޕަރޭޝަން ފުލުހުން ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗުގައެވެ. އަދި މި ނެޓްވޯކުން 2015 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



