ކުޑަކުދިން ބޭނުންކޮށްގެން ޑްރަގުގެ ވިޔަފާރިކުރި ދެ މީހަކު ވިލިނގިލިން ހައްޔަރުކޮށްފި

އަޙްމަދު ސަދޫފް މޫސާ

SHARE
ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރުވި ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ދެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކުޑަކުދިން ބައިވެރިކޮށްގެން މަސްތުވާތަކެތި ވިއްކާ ފަރާތްތަކަށް އަމާޒުކޮށް، ގއ. ވިލިނގިލި ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
އެގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު ހިންގި މި އޮޕަރޭޝަނުގައި އެ ރަށުގެ ހަތަރު ގެއެއް ބަލައިފާސްކޮށްފައިވެއެވެ. މި ފާސްކުރުންތަކުގެ ތެރެއިން ވަގުތީ ބަރުދަނުގައި ޖުމްލަ 66.92 ގްރާމް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެ ނެޓްވޯކުގެ އިސް ފަރާތްތައް ކަމަށް ބެލެވޭ ދެ މީހުންނެވެ. އެއީ މުޙައްމަދު ޢަޠޫފް ޙަބީބް (25އ)، އެތެންސް / ގއ. ވިލިނގިލި އަދި މުޙައްމަދު ރާއިފް ޙުސައިން (20އ)، ދެތަޑިމާގެ / ގއ. ވިލިނގިލި އެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަޠޫފް 15 ދުވަހަށް އަދި ރާއިފް 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އަލަށް ގެނެވުނު އިސްލާހުތަކުގެ ދަށުން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި އެކްސްޕްލޮއިޓްކުރެވޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހިންގުނު މަސައްކަތެކެވެ.
މީގެ އިތުރުން މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 122 ވަނަ މާއްދާގެ ދަށުން، ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށްތަކުން ސަލާމަތްކޮށް ރައްކާތެރިކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


