އެހީ ޖަމިއްޔާއިން ދިން ގެޔާއެކު, ފަޔާޟް ގެ އާއިލާ އުޅުނު ވޭނީ ދިރިއުޅުމަށް ނިމުން!
.jpg&w=3840&q=75)
ޒެނީޝާ ފަތުހީ

SHARE
މީގެ ހަތަރު އަހަރު ކުރިން ވ. ފެލިދޫ އަލީ ފަޔާޟްގެ ދިިރިއުޅުމަކީ އަނދިރި ދިރިއުޅުމެކެވެ. އާއިލާއާއެކު ދިރިއުޅުނު ގެއިން ކުއްލިއަކަށް ނުކުންނަން ޖެހި އޭނާ ގޮތް ހުސްވިއެވެ. އެ ހާލަތުގައި, އެހީތެރިކަމަށް އެދި އޭނާ ދިޔައީ އެ އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ ގާތަށެވެ.

އޭގެ ފަހުން އެ މީހުންނަށް ލިބުނީ ވަގުތީ ހައްލެކެވެ. އޭނާގެ ދެމަފިރިންނާއި ތިން ކުދިން މިިދިޔަ ހަތަރު އަހަރު އުޅުނީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީގެ ތަނެއްގައެވެ. އެ ތަނުގައި ފަސް މީހުން އުޅުނީ ދެ ކޮޓަރީގައެެވެ.
"އެ މީހުން (ކުރިން އުޅުނު ގޭގެ ވެރިން) އަޅުގަނޑުގެ އަންހެނުން ގާތު އަބަދު ކިޔަނީ އެތަނުން ނިކުންނަން, ދެން އަޅުގަނޑުގެ ހިތަށް ކެތް ނުވެގެން ދިޔައީ ޝުޖާއު ކައިރިއަށް މި ކަން އަވަސް ކޮށްދޭށޭ މިކަން ވަރަށް ބޮޑުވެއްޖޭ އަޅުގަނޑަށް, ތިން ކުދިން ގޮވަައިގެން ދެން ދާނެ ތަނެއް ވަކި ނެތް," ފަޔާޟް ބުންޏެވެ.
ފަޔާޟްގެ މި ހާލަތު ބަދަލުކޮށްދިނުމަށް ޝުޖާއުއާއި އަތޮޅު ކައުންސިލުން ވަރަށް މަސައްކަތް ކުރިއެވެ. އެ މަސައްކަތުގެ ތެރެއިން އެހީ ޖަމިއްޔާއާ ގުޅިގެން މިހާރު ވަނީ ފަޔާޟްގެ ހާލަތު ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހީ ޖަމިއްޔާއިން އިސް ނަގައިގެން ފަޔާޟްގެ އާއިލާއަށް ވަނީ އަމިއްލަ ބޯހިޔާވަހިކަމެއް ހޯދައިދީފައެވެ.
މިހާރު ފަޔާާޟް ވަނީ އާއިލާއާއެކު އެގެއަށް ބަދަލުވެފައެވެ. ގެޔަށް ބަދަލުވުމާއެކު ދިރިއުޅުމަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެކަމަށް ފަޔާޟް ދެކެއެވެ. އަދި މި ކަން ކޮށްދިނުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ފަޔާޟް ޝުކުރުވެރިވެއެވެ. އެންމެ ބޮޑަށް ފާހަކުރީ އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީގެ ވާހަކައެވެ.

"އަޅުގަނޑު ވަރަށް އުފާވޭ, މި ފުރުސަތު އަޅުގަނޑަށް ނުލިބުނީސް ޝުޖާއުގެ އެހީތެރިކަމާ ނުލާ, ވަރަށް ބޮޑަށް ޝުކުރުވެރިވަން ޝުޖާއުއަށް," ފަޔާޟް ބުންޏެވެ.
މި ގެ އަޅައިދީފައިވަނީ އެހީ ޖަމިއްޔާއާއި މިނިސްޓްރީއާއި އެ ރަށު ކައުންސިލް ގުޅިގެންނެވެ. އެހީ ޖަމިއްޔާގެ ރައީސް އަހްމަދު އިގްބާލް ވިދާޅުވީ އެ އާއިލާއަށް ގެޔެއް އެޅުުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހެވެ. އެ ގޭގެ މަސައްކަތް ރަށުގެ ކޮންޓްރެކްޓަރެއް ކަމަށްވާ މެކްސިފައިއާ ހަވާލުކޮށް އަމަލީ މަސައްކަތް ފެށީ އޭޕްރީލުގައެވެ. އޭގެ ފަހުން އަހަރެއް ވެސް ނުވަނީސް މިދިޔަ ހަފްތާ ވަނީ ގޭގެ މަސައްކަތް އެއްކޮށް ނިންމާފައެވެ. އަދި ފަޔާޟްގެ އާއިލާއާ ގެ ހަވާލުކުރީ އިއްޔެއެވެ.


ފަޔާޟް މިހާރު މަސައްކަތް ކުރަނީ ރިސޯޓު ސަޕްލައި ދޯންޏެއްގައެވެ. އެ އާއިލާއިން އަދި ވަޒީފާއަކަށް ދަނީ ހަމައެކަނި ފަޔާޟެވެ. ނަމަވެސް އޭނާގެ ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅަށް ވަޒީފާއަކަށް އެދި މިނިސްޓްރީއަށް ހުށަހަޅާފަައި ކަމަށް އިގްްބާލް ވިދާޅުވިއެވެ.
މީގެއިތުރުން ކުރިއަށް އޮތް ތަނުގައި މަހުން މަހަށް ކުރަންޖެހޭ ހަރަދުތަކަށް އެހީވުމުގެ ގޮތުން ކުރާނެ ކަންކަމުގެ މަޝްވަރާކުރަމުންދާ ކަމަށް އިގްބާލް ވިދާޅުވިއެވެ.
"މަހުން މަހަށް ބޭނުންވާ ހަރަދުތަކާ ބެހޭ ގޮތުން ކައުންސިލާ އެހީ ޖަމިއްޔާ މަޝްވަރާތައް ކުރި," އިގްބާލް ވިދާޅުވިއެވެ.
މި މަސައްކަތުގެ ސަބަބުން އާއިލާއަށް ލުއިތަކެއް ލިބޭނެކަމަށް އިގްބާލް ގަބޫލުކުރެއެވެ. މި މަސައްކަތް ކުރިއާށް ގެންގޮސްފައިވަނީ އާއިލާއަށް އަމިއްލަ ފައިމައްޗަށް ތެދުވެ ފާގަތި މުސްތަގްބަލެއް ހޯދައިދިނުމުގެ މަގްސަދުގައެވެ.

ގެ އެޅީ ބައްޕަގެ ގޯތިން ފަޔާޟްގެ އެއްބަނޑުއެއްބަފާ ހަތް ކުދިންނަށް ބެހުމަށްފަހު ފަޔާޟްއަށް ލިބުނު ބައިގައެވެ. ފަޔާޟް ބުނި ގޮތުގައި އެ ބައިގެ ފުޅާ މިނުގައި ހުންނަނީ ގާތްގަނޑަކަށް 14 ފޫޓެވެ. ދިގުމިނުގައި 50 ފޫޓެވެ. އެ ގެ ހަދާފައިހުރީ ދެ ފަންގިފިލާއަށެވެ. ގޭގެގައި ތިން ކޮޓަރި މިހާރު ހުރި ކަމަށް ފަޔާޟް ބުންޏެވެ. ނަމަވެސް ގޭގެ ފައުންޑޭޝަން އަޅައިދީފައިވަނީ ފަހުން ބޭނުން ވިޔަސް ތިން ބުރިއަށް ނެގޭނެ ގޮތަށް ކަމަށް ފަޔާޟް ބުންޏެވެ.
ފަޔާޟްގެ ދިރިއުޅުމަށް މިހާރު ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އޭނާގެ ހަޔާތާ އުފާވެެރިކަން ވަނީ ބައްދަލުކޮށްފައެެވެ. އެކަމަށް އޭނާގެ އޮތީ ހާސް ޝުކުރެވެ.




