ޕާޓީގެ އިތުބާރު ދަމަހައްޓައި، ފަޚްރުވެރި ޚިދުމަތްތަކެއް ކުރުމަކީ އެންމެ ބޮޑު ޢަޒުމް: ޖަލީލް

އަޙްމަދު ސަދޫފް މޫސާ
SHARE
ޕީއެންސީގެ މެންބަރުންގެ އިތުބާރު ދަމަހައްޓައި، މާލޭގެ ރައްޔިތުންގެ ހައްގުގައި ފަޚްރުވެރި މަސައްކަތްތަކެއް ކޮށްދިނުމަކީ މާލެ ސިޓީގެ މޭޔަރުކަމަށް ނުކުތުމުގެ އެންމެ ބޮޑު އަޒުމް ކަމަށް ވެރިކަންކުރާ ޕީއެންސީގެ މާލެ ސިޓީ މޭޔަރު ކެންޑިޑޭޓް، ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް ރިޓަޔަޑް މޫސާ އަލީ ޖަލީލު މިރޭ ވިދާޅުވެއްޖެއެވެ.

ކެންޑިޑޭޓް މޫސާ ޖަލީލުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޮޑުތަކުރުފާނު މަގުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރާއެކު ޕީއެންސީގެ މޭޔޯރަލް ކެންޑިޑޭޓަކަށް ވުމަކީ ޙަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށެވެ. އަދި ޕާޓީން އޭނާއަށް ކުރި އިތުބާރަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ތިޔަ ކުރެއްވި އިތުބާރު ދަމަހައްޓާނަން. ޕާޓީ ފަޚްރުވެރިވާނެ އަދި ދިވެހި ރައްޔިތުން ބަލައިގަންނާނެ މުހިންމު ޚިދުމަތްތަކެއް މާލެ ސިޓީގެ މޭޔަރުކަމުގައި ކޮށްދިނުމަކީ މާތްﷲ ގެ ހަޟްރަތުން ވާގިއެދި މިރޭ އަޅުގަނޑު ކަނޑައަޅާ އެންމެ ވަރުގަދަ ޢަޒުމް، - ޕީއެންސީގެ މާލެ ސިޓީ މޭޔަރު ކެންޑިޑޭޓް، މޭޖާ ޖެނެރަލް ރިޓަޔަޑް މޫސާ އަލީ ޖަލީލު
ޖަލީލު ވިދާޅުވީ މާލޭގެ ރައްޔިތުން އެދޭ ބަދަލުތައް އޭނާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ވަކި ކުލައަކަށް ތަފާތުކުރުމެއްނެތި މަސައްކަތް ކުރާނެ "ޚާދިމަކަށް" ވާނެ ކަމުގެ ޔަގީންކަން ދެއްވަމުން އޭނާ ވިދާޅުވީ، މާލޭގެ ރައްޔިތުންގެ ހިތްތައް ފަތަހަކުރާނީ ލޯތްބާއި އޯގާތެރިކަމާއެކު، ސަރުކާރާ ގުޅިގެން ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދީގެން ކަމަށެވެ.
މާލެ ސިޓީ ކައުންސިލުގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން ޖަލީލު ވިދާޅުވީ، 2011 ވަނަ އަހަރުން ފެށިގެން ދިހަ ވަރަކަށް އަހަރު ވަންދެން ކައުންސިލުން އެކަށީގެންވާ ޚިދުމަތެއް ނުދެވުނު ނަމަވެސް، އެކަން ބަދަލުކުރެއްވީ ކުރީގެ މޭޔަރު އަދި މިހާރުގެ ރައީސް ޑރ. މުޢިއްޒު ކަމަށެވެ. ރައީސް މުޢިއްޒުގެ މޭޔަރުކަމުގެ ދައުރަކީ މާލޭގެ މުނިސިޕަލް ޚިދުމަތުގެ "ރަންޒަމާން" ކަމަށް އޭނާ ސިފަކުރެއްވިއެވެ.

އެގޮތުން ޖަލީލް ވަނީ ރައީސް މުޢިއްޒު މޭޔަރުކަމުގައި ހުންނަވައިގެން ރައްޔިތުންގެ ގާތަށް ޒިޔާރަތްކުރައްވައި، އަޑުއައްސަވައިގެން ހޯއްދަވައިދެއްވި ހައްލުތަކަށް ތައުރީފުކުރައްވާފައެވެ. އަދި އޭނާގެ އަމާޒަކީވެސް އެފަދަ ގާތްކަމަކާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށް ވިދާޅުވިއެވެ.




