އޭޑީކޭގެ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
.jpg&w=3840&q=75)
ހާއިމް އަހްމަދު ހާޝިމް

ހެލްތު މިނިސްޓްރީ އޭޑީކޭގެ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ހެލްތު މިނިސްޓްރީ
SHARE
އޭޑީކޭ ހޮސްޕިޓަލުގެ ޝަފީއާ އިންސްޓިޓިއުޓް އޮފް ހެލްތް (އެސްއައިއެޗް) އިން ބޭއްވި ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމަކީ ބޭސްފަރުވާގެ މައިގަނޑު ދާއިރާތަކުންނާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުން ފުރިހަމަ އަމަލީ ތަޖުރިބާ ލިބޭނޭހެން ބައްޓަންކުރެވިފައިވާ ޕްރޮގްރާމެއްކަމަށެވެ.
އަދި އެ ޕްރޮގްރާމުގެ މަގުސަދަކީ އަމިއްލައަށް ސިއްހީ ހިދުމަތް ދިނުމުގެ ފެންވަރު އިންޓާނުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުންކަން އެ މިނިސްޓްރީން ފާހަގަފަކުރިއެވެ.
އޭޑީކޭގެ މި މެޑިކަލް އިންޓާންޝިޕް ބޭއްވީ ނިމިދިޔަ އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހަށް، ޖުމުލަ 52 ހަފްތާގެ މުއްދަތަށްކަމަށް މިނިސްޓްރީން މައުލޫމާތުދިނެވެ.
މީގެ އިތުރުން، މުޅި ޖުމުލަ 18 މެޑިކަލް އިންޓާނުން މި ޕްރޮގްރާމް ފުރިހަމަކުރިކަމަށާއި، އަދި އޭގެ ތެރޭގައި، މެލޭޝިއާ، ޗައިނާ، ބެލަރޫސް، ފިލިޕީންސް، ޖޯޖިއާ، ޔޫކްރެއިން އަދި ރަޝިއާ ހިމެނޭހެން ތަފާތު ހަތް ގައުމަކުން ކިޔަވައިގެން އައި ދަރިވަރުން ހިމެނޭކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ ޕްރޮގްރާމުގައި ހޮސްޕިޓަލުގެ މައިގަނޑު ކްލިނިކަލް ދާއިރާތަކުގެ ތަމްރީނުތަކުގެ އިތުރުން، ނަފްސާނީ ބަލިތަކާ ބެހޭ ހާއްސަ ތަމްރީނެއްކަމަށްވާ (ސައިކިއެޓްރީ ޕޯސްޓިންގް) ވެސް ހިމެނުނުކަމަށެވެ.
މީގެ އިތުރުން، ބ. އަތޮޅާއި ރ. އަތޮޅަށް އަމާޒުކޮށްގެން ދެ ބަޔަކަށް ބަހާލައިގެން ދެ ހަފްތާގެ މުއްދަތަށް އިޖުތިމާއީ ސިއްހީ ހިދުމަތުގެ ޕްރޮގްރާމެއް ބެއްވިކަމަށް މިނިސްޓްރީން ބުންޏެވެ.
މި ޕްރޮގްރާމުގެ ސަބަބުން އިންޓާނުންނަށް އަސާސީ ސިއްހީ ހިދުމަތްތަކުގެ ތަޖުރިބާ ލިބި، އާންމު ސިއްހަތާ ގުޅުންހުރި ކަންކަމުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބުނުކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.



