އެއް މެޗު އޮއްވައި ރާއްޖެއިން ފުޓްސަލްގެ ތަށި އުފުލާލައިފި

އަޙްމަދު ސަދޫފް މޫސާ

SHARE
ތައިލެންޑުގައި ކުރިއަށްދާ ސާފް ފުޓްސަލް މުބާރާތުގައި ރާއްޖެއިން ކުޅެންޖެހޭ ފަހު މެޗު އޮއްވައި، މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން ކަށަވަރުކޮށްފިއެވެ.

ރާއްޖެއަށް މި ތަށި ޔަގިންވީ މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރުމާ ގުޅިގެންނެވެ.
ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. މުބާރާތުގެ ތަށި ރާއްޖެއިން ކަށަވަރުކުރި ނަމަވެސް، ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ ދެން ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.
މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރީން ހޯދި މި ބޮޑު ކާމިޔާބީގެ އުފަލުގައި މާތްﷲގެ ޙަޟްރަތަށް ޙަމްދު ކުރުން އިސްކުރައްވާ ކަމަށެވެ.
އަދި ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ ޤައުމުގެ މުސްތަޤްބަލަށް ލިބޭ އުޖާލާކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، "ވަކީން ޚާއްޞަކޮށް، ކުޅުނު ކޮންމެ މެޗަކުން ވަރަށް ފުރިހަމަ މޮޅަކާއެކު ބައިނަމްއަޤްވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއް" ކަމަށެވެ.
މިއީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެއްކި ރީތި ނަމޫނާއެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއީ ބައިނަމްއަޤްވާމީ ފުޓްސަލް މުބާރާތެއްގައި ރާއްޖެއިން ހޯދި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.




