
އިސްލާމް ދީނާއި ޤައުމަށް ލޯބިކުރާ ދަރީންތަކެއް ބިނާކުރެވޭނީ ތައުލީމަށް އިސްކަންދީގެން: ރައީސް

އަޙްމަދު ސަދޫފް މޫސާ

SHARE
އިސްލާމްދީނަށާއި ދިވެހި ޤައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރީންތަކެއް މި ޤައުމުގައި ބިނާކުރެވޭނީ، ތަޢުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި މިއަދު އެކްސްގައި ކުރެއްވި މެސެޖުގައި ރައީސް ވަނީ ދިރާސީ އައު އަހަރު ފެށުމާ ގުޅިގެން ތަޢުލީމީ ދާއިރާގެ އެންމެހާ ހިންގުންތެރީންނަށާއި، މުދައްރިސުންނަށާއި، ބެލެނިވެރިންގެ އިތުރުން ދަރިވަރުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ދިވެހި ތަޢުލީމީ ހިޔާވަހިތަކުން ތަރުބިއްޔަތުވެގެން ނުކުންނަ ކުދިންނަކީ ހެޔޮލަފާ، ތޫނުފިލި އަދި އުޅުންރީތި ދަރީންތަކެއް ކަމުގައި ލެއްވުމަށް އެދި އެމަނިކުފާނު ދުޢާ ކުރެއްވިއެވެ.
މީގެ އިތުރުން، ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ. އެކަމަނާގެ މެސެޖުގައި ދަރިވަރުންނާއި ބެލެނިވެރިންނާއި އެދުރުންގެ އިތުރުން ތަޢުލީމީ ދާއިރާގެ އެކި ފަންތީގެ މުވައްޒަފުންނަށް ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.
މެޑަމް ސާޖިދާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ކޮންމެ ކިޔަވާ ކުއްޖަކަށްވެސް މި ފެށުނު ދިރާސީ އައު އަހަރަކީ ފާގަތި އަދި ބާއްޖަވެރި އަހަރަކަށް ވުމަށް އެދިވަޑައިގަންނަވަމުންނެވެ.






