
އިންޑިއާއިން ނިޕާ ވައިރަސް ފެނުމާއެކު ރާއްޖެއިން ހާލަތު މޮނިޓަ ކުރަން ފަށައިފި

އަޙްމަދު ސަދޫފް މޫސާ

SHARE
އިންޑިއާގެ ވެސްޓް ބެންގޯލްއިން ނިޕާ ވައިރަހަށް ޕޮޒިޓިވް ތިން މީހަކު ފެނުމާ ގުޅިގެން، ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އެ ގައުމުގެ ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަން ފަށައިފިއެވެ.

މި މަހު ފެނުނު މި ކޭސްތަކާ ގުޅިގެން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާގެ ސިއްހީ އިދާރާތަކުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ނިޕާ ވައިރަސްއަކީ ޓެރޯޕަސް އާއިލާގެ ވާލުންނާއި އޫރުގެ ފަރާތުން އިންސާނުންނަށް ފެތުރޭ ނުރައްކާތެރި ބައްޔެކެވެ.
މި ބަލި އާންމުކޮށް ފެތުރެނީ ވާލުގެ ކުޅު ނުވަތަ ކުޑަކަމުދާ އެއްޗެހި ޖެހިފައިވާ މޭވާއާއި ތަރުކާރީ ބޭނުންކުރުމުގެ ސަބަބުންނެވެ. މީގެ އިތުރުން، ބަލި ޖެހިފައިވާ މީހުންނާ ގާތްކޮށް އުޅޭ ފަރާތްތަކަށް ވެސް ބަލި ފެތުރުމުގެ ފުރުސަތު އޮންނަކަމަށް ސިއްހީ މާހިރުން ފާހަގަކުރެއެވެ.
ބަލީގެ އަލާމާތްތަކާއި ނުރައްކާ

މި ބަލި ޖެހުމުން ފެންނަ އާންމު އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، ކެއްސުން، ކަރުގައި ރިއްސުން އަދި ނޭވާލާން އުނދަގޫވުން ހިމެނެއެވެ.
ބަލި ބޮޑުވާ ހާލަތްތަކުގައި ސިކުނޑިއަށް އަސަރުކޮށް، ވާނުވާ ނޭނގުން ނުވަތަ ފިޓުޖެހުން ފަދަ ނުރައްކާތެރި އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މި ބައްޔަށް ވަކި ހާއްސަ ފަރުވާއެއް ނެތް ނަމަވެސް، ބަލީގެ އަލާމާތްތަކަށް ފަރުވާ ދެވޭކަމަށް ސިއްހީ އިދާރާތަކުން މައުލޫމާތު ދެއެވެ.
ވެސްޓް ބެންގޯލްއިން ބަލި ފެނުނު މީހުންނާ ކޮންޓެކްޓްވި 180 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ދެނެގަނެވި، ކަރަންޓީނު ކުރެވިފައެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އެމީހުންގެ ހާލަތު ބަލަމުންދާއިރު، މިހާތަނަށް އިތުރު ކޭސްއެއް ފެނިފައެއް ނުވެއެވެ. އަދި އިންޑިއާގެ އެހެން ސަރަހައްދަކުން ނުވަތަ އެހެން ގައުމަކުން ވެސް މި ބަލީގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ރާއްޖޭގެ ހާލަތު
ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި، މިވަގުތު ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ކުޑައެވެ. ނަމަވެސް، އެ އެޖެންސީން ދަނީ ބައިނަލްއަގުވާމީ ހާލަތު މޮނިޓަރ ކުރަމުންނެވެ.
ރާއްޖެއިން މިހާތަނަށް މި ބަލީގެ އެއްވެސް ކޭސްއެއް ނުވަތަ ކޮންޓެކްޓްވި މީހަކު ފެނިފައެއް ނުވެއެވެ.
އެހެންނަމަވެސް، ބަލި ފެނިފައިވާ ވެސްޓް ބެންގޯލް ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ސިއްހީ ހިދުމަތްދޭ ތަންތަނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެއެވެ.




