
އުމްރާގެ އުންމީދުގައި ކުރި ދިގު އިންތިޒާރުގެ ނިމުން ދަރިންގެ ގުރޫޕްގައި!

ޢާލިމް އަބްދުއްލަތީފް

ޚާލިދާއި ހައްވަ ރުމާތު ފަރުބަދަ މަތީގައި -- ފޮޓޯ: ނުކުތާ
SHARE
ދުވަސްވަރަކީ ރާއްޖޭގައި ދީނީ ތައުލީމު އެހާ އާއްމު ދުވަސްވަރެއް ނޫނެވެ. ނަވާރަސަތޭކަހަތްދިހައިގެ އަހަރުތަކެވެ. އޭރު ވެސް, ބ. ހިތާދޫ ޚާލިދު ޢަލީ ދުށް ހުވަފެނަކީ ރާއްޖޭން ބޭރަށް ގޮސް ދީނީ ތައުލީމު ހާސިލުކުުރުމެވެ.

އެ ހުވަފެނުގައި ކުލަޖައްސަން އަވަށްޓެރި ޕާކިސްތާނަށް 1979ވަނަ އަހަރު އޭނާ ދަތުރު ކުރިއެވެ. އިސްލާމިކް އެޑިއުކޭޝަން ކިޔެވުމަށް, ޕާކިސްތާނުގައި ގާތްގަނޑަކަށް ހަތަރު އަހަރު ހޭދަކުރިއެވެ. އެ ޒަމާނަކީ ތައުލީމު އުނގެނުމުގައި މިހާ ފަހި ޒަމާނަކަށް ނުވާތީ, އެ ދަތުރަކީ ވެސް ފަސޭހަ ދަތުރެއް ނޫނެވެ.
ވިސާގެ މައްސަލައެއް ޖެހިގެން އޭނާއަށް ޖެހުނީ އެނބުރި ރާއްޖެއަށް އަންނާށެވެ. އެނބުރި އައުމަށްފަހު, އޭނާ އިސްލާމީ ތައުލީމް ހާސިލުކުރުމަށް ކުރި އުންމީދު ހިތުގެ އެއް ކަނެއްގައި ފޮރުވީއެވެ. ސަބަބަކީ ޚާލިދުގެ ބައްޕަގެ އަތުގައި އެނބުރި ޕާކިސްތާނަށް އޭނާ ފޮނުވޭ ވަރަށް ފައިސާ ނެތުމެވެ.
އެއަށްފަހު 1984ވަނަ އަހަރު ޒަވާޖީ ހަޔާތެއް ފަށައި ދިރިއުޅުމުގައިގެން ކުރިއަށް ދިޔައެވެ. އެކަމަކު, އޭނާގެ ހިތުގެ ކަނެއްގައި ފޮރުވައިފައި އޮތް ދީނީ ތައުލީމުގެ އުންމީދުގައި އޭރު ވެސް ވިންދު ޖަހައެވެ.
"އަޅުގަނޑު އެ ދުވަހުން ފެށިގެން ގަސްތުކުރީ އަޅުގަނޑުގެ ދަރިއަކު ދީނީ ތައުލީމް ހާސިލުކުރާ ދުވަހަކަށް އިންތިޒާރު ކުރާނަމޭ. ވަރަށް އިންތިޒާރު ކުރާ ކަމެކޭ އެއީ," ޚާލިދު އޭރުގެ ހަނދާންތައް އާ ކުރިއެވެ.

"އެ އުންމީދު އަޅުގަނޑުގެ ދަރިފުޅު އާޒިމް ފުރިހަމަކޮށްދެއްވައިފި. އަޅުގަނޑު ވަރަށް އުފާވޭ,"
މާޒީގެ ސޮފުހާތައް ނިއުޅުވައިލާ "ނުކުތާ"އަށް މި ވާހަކަތައް ޚާލިދާއި އޭނާގެ އަންހެނުން ޙައްވާ ހުސައިން ހިއްސާ ކުރީ ރަތްކަނޑުގެ އައްސޭރީގައި ތިބެއެވެެ. އެއީ އެ ދެމަފިރިންގެ ފުރަތަމަ އުމްރާ ދަތުރުގެ ތެރެއިން ޖިއްދާގައި ހުންނަ މަސްޖިދުއް ރަހްމާނަށް ކުރި ޒިޔާރާތުގެ ތެރެއިންނެވެ. އެހެން ނަމަވެސް އެ އުމްރާ ދަތުރު އެ މީހުންނަށް ހާއްސަވާ އެތައް ސަބަބެއް އެބައޮތެެވެ. -- އެ ވާހަކަ ފަހުން ދައްކާނީއެވެ.
އެ ދެމަފިރިންނަށް ހަ ފިރިހެން ދަރިން ލިބުނެވެ. ކައިވެނީގެ ކުރީކޮޅު ވަރަށް ގާތްގާތުގައި ދެ ދަރިން ލިބުންވީ, ހައްވައަށް ބުރަކަމެއް އިހްސާސްކުރަން ޖެހުނު ކަމަކަށެވެ. އާއްމުކޮށް ޚާލިދު މަސައްކަތް ކުރުމަށް އުޅެނީ ރަށުން ބޭރުގައެވެ. އެހެންވެ, ޒުވާން އުމުރުގައި އެކަނި ދެ ދަރިން ގޮވައިގެން އުޅުން ވީ ހައްވައަށް ވަރަށް ތަފާތު ތަޖުރިބާއަކަށެވެ.


އެ ދެމަފިރިން ކިޔައިދޭ ގޮތުގައި އޭރު އެ ގޭގައި ޚާލިދުގެ ބައްޕަ ދުއްވާ މަސް ދޯންޏެއް އޮވެއެވެ. އެހެންވެ, އެ ދޯނިން ގެންނަ މަސްބައި ކައްކަމުން އެ މަސްތައް ރައްކާކުުރުމުގެ ޒިންމާ ވެސް އަދާކުރީ ހައްވަގެ ބުރަ މަސައްކަތުންނެވެ. އެހެން ނަމަވެސް, އެ ބުރަ ޒިންމާ އަދާކުރަމުން ވެސް ދަރިން ތަރުބިއްޔަތުކުރުމުގެ ޒިންމާއަށް އޭނާ ފަރުވާކުޑައެއް ނުކުރެއެވެ.
"އަންހެނުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކުދިން ތަރުބިއްޔަތު ކުރުމާއި ކިޔަވައިދިނުމުގައި. ހުރިހާ މަސައްކަތެއް ކުރަމުން މި ހަ ކުދިން ގޮވައިގެން. ތައުލީމު ދިނުގައާ ނަމާދަށް ގެންދިއުމުގައި ވަރަށް ފަރުވާތެރިކޮށް މަސައްކަތްކުރެއްވި މަންމަ," ޚާލިދު ކިޔައިދިނެވެ.
ހަ ދަރިން ގޮވައިގެން އެ ދެމަފިރިން އުޅުނީ މާ ތަނަވަސް ނޫނަސް, ހަމަޖެހޭ ދިރިއުޅުމެކެވެ. ލިބޭ އެއްޗަކުން އަބަދުވެސް ފުއްދައިލައިގެން ޝުކުރުކޮށްލައިގެންނެވެ.
ޕާކިސްތާނުން އައިސް ޚާލިދު ބެލީ އޭނާގެ "ވާދީ"ގައި އުފާވެރި ދިރިއުޅުމެއް އާރާސްތުކުރާށެވެ. އެ އުފާވެރި އުންމީދުތައް ގުޅިފައިވީ އޭނާގެ ހަ ދަރީންނާއެވެ. އޭގެ ތެރެއިން ވެސް, އެންމެ ހާއްސަ އުންމީދަކީ އޭނާގެ ދަރިއަކު ދީނީ ތައުލީމު ހާސިލުކުރުމުގެ އުންމީދެވެ.
މިއަދު ރާއްޖޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ އެއް އިލްމުވެރިއަކީ ޚާލިދާއި ހައްވަގެ ބުރަ މަސައްކަތުން އާރާސްތުކުރި "ވާދީ"ގެ ފަޚުރުވެރި ދަރިއެކެވެ. ޝެއިހް ޢާޒިމް ޚާލިދު މަދީނާ ޔުނިވާސިޓީއަށް ގޮސް އޭނާގެ ބައްޕަގެ ހުވަފެންތަކުގައި ކުލަޖައްސައިދިނެވެ.
ޝެއިހް އާޒިމް އޭނާގެ މަންަމައާއި ބައްޕައާއެކު ޔުނިވާސިޓީ ކުރިމަތީގައި --
އެއީ ޕާކިސްތާނުން އައިސް ހިތުގެ ކަނެއްގައި ޚާލިދު ފޮރުވި ހުވަފެނުގައި ކުލަޖެހުނު ދުވަހެވެ. އެ ވާހަކަތައް ކިޔައިިދިންއިރު, އޭނާގެ މޫނުމަތިން ފެނުނު އުފާވެރިކަން އެކަނި ވެސް އެ ވާހަކަ ބުނެދެއެވެ.
އާޒިމް ނޫނަސް, އެ ވާދީގެ ހުރިހާ ދަރީންނާމެދު ވެސް އެ ދެމަފިރިން ފަޚުރުވެރިވެއެވެ. އެ އާއިލާގެ އެއްވެސް ދަރިއަކު ގޯސް މަގެއް ޚިޔާރުކޮށްފައި ނުވާތީއެވެ. ހަ ބެއިން ވެސް ގައުމަށް ފައިދާހުރި, ހަރުދަނާ މަސައްކަތްތަކެއް ކުރާތީއެވެ.
އެ ދެމަފިރިންގެ ފުރަތަމަ އުމްރާ ދަތުރު ހާއްސަވަނީ ވެސް އެ ދަރިންގެ ސަބަބުންނެވެ. އުމްރާގެ އަޅުކަން އަދާކުރުުމަކީ އެ ދެމަފިރިން ވަރަށް ކުރިއްސުރެ ދުށް ހުވަފެނެކެވެ. އެހެން ނަމަވެސް, އެކި ސަބަބުތަކާ ހުރެ އެ އުންމީދުގައި ކުލަނުޖެހި އޮތީއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24ވަނަ ދުވަހު އެ ދެމަފިރިންގެ އުމްރާގެ ހުވަފެނުގައި ކުލަޖެހުނީ ވަރަށް ހާއްސަ ގޮތަކަށެވެ. އެއީ ދަރީން އިސްވެ ތިބެ އުފެއްދި އުމްރާ ގުރޫޕުން އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ނަސީބު ލިބުމެވެ.
.jpeg&w=3840&q=75)
"މިދިޔަ އަހަރު(2024)ގައި އަންނަން ވެގެން ވަރަށް ބޮޑަށް ލާރި ވެސް ހޯދައިފައި ހުއްޓާ ދަރިން ބުނެގެން މަޑުކޮށްލީ ގުރޫޕު ހަދައި ނިމެންދެން. ދަރީންނާއެކު އަންނަންވެގެން," ޚާލިދު ހިނިތުންވެ އިނދެ ކިޔައިިދިނެވެ.
"ދަރީންގެ ގުރޫޕާއެކު ފުރަތަމަ ދަތުރުގައި އާދެވުނީތީ ވަރަށް ވެސް ވަރަށް ވެސް އުފާކުރަން,"
އެ ދެމަފިރިންގެ ހަ ބެއިން އިސްވެ ތިބެ އުފެއްދި ގުރޫޕަށް އެ މީހުން ނަން ވެސް ދިނީ މަންމައާއި ބައްޕަ އެ މީހުންގެ ބިންގާ އެޅި ގޭގެ ނަމުންނެވެ. އަލްވާދީ ހައްޖު އެންޑް އުމްރާގެ ނަމުން ގުރޫޕަށް ނަންދީ, އެ ގުރޫޕުން ކުރި ފުރަތަމަ ދަތުރުގައި މަންމައާއި ބައްޕަ ވެސް ބައިވެރިކުރީއެވެ.
އުމްރާ ދަތުރުގައި ގުރޫޕުގެ ކަންކަން އިންތިޒާމުކުުރުމުގައި އެ ދެމަފިރިންގެ ދައުރު ވަރަށް ބޮޑެވެ. ކޮށްދެވެން އޮތް ކޮންމެ ކަމެއް, ވަރަށް ލޯތްބާއެކު ކޮށްދިނެވެ. ދަރިންގެ ކާމިޔާބަށް ޓަކައި މަސައްކަތްކޮށްދޭން އަދިވެސް ތައްޔާރަށް ތިބިކަން ހާމަވެއެވެ.
ވާދީގެ ތެރޭގައި ޚާލިދާއި ހައްވަ އެ ދެމަފިރިންގެ ދަރީންނަށް ޓަކައި އެތައް ގުރުބާނީތަކެއް ވިއެވެ. މިއަދު އެ ވާދީ އެ ދެކެނީ ރަންޒަމާނެކެވެ.




