
ރާއްޖެއިން އުމްރާއަށްދާ ފަރާތްތަކުން ހާއްސަ ހާލަތްތަކުގައި ގުޅުމަށް ހޮޓްލައިނެއް ގާއިމްކޮށްފި

އަޙްމަދު ސަދޫފް މޫސާ

އަލްވާދީ ހައްޖު އެންޑް އުމްރާ ގްރޫޕުގެ ފަރާތުން ބަޔަކު އުމްރާއަށް ދަނީ --
SHARE
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ރާއްޖެއިން އުމްރާއަށްދާ ފަރާތްތަކަށް ދިމާވާ ހާއްސަ ހާލަތްތަކުގައި މައުލޫމާތު ހިއްސާކުރުމަށާއި މައުލޫމާތު ހޯދުމަށް ހާއްސަ ހޮޓްލައިނެއް އިސްލާމިކް މިނިސްޓްރީން ގާއިމްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، މި ހޮޓްލައިން ގާއިމުކުރީ މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރާ ފަރާތްތަކާއި މިހާރު މައްކާގައި ތިބި ދިވެހި އުމްރާވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. މި ހޮޓްލައިން މެދުވެރިކޮށް ދިމާވާ އެކި ހާލަތްތަކާ ގުޅޭ މައުލޫމާތު ބަދަލުކުރެވޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
މިކަމަށްޓަކައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ހޮޓްލައިން ނަމްބަރަކީ 3007070 އެވެ. ރާއްޖެއިން ބޭރުން ގުޅާ ފަރާތްތަކުން (960)3007070+ އަށް ގުޅުމަށް މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާގައި ތިބި އުމްރާވެރިންނަށް ހާއްސަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި، ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރު 966506894477+ އަށް ގުޅުމަށް ވަނީ އެދިފައެވެ. އަދި ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގެ ހޮޓްލައިން ނަންބަރު 966530838329+ އަށް ވީ އެންމެ އަވަހަކަށް އެންގުމަށްވެސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މައްކާގައި މިވަގުތު ތިބި ދިވެހި އުމްރާވެރިންގެ ކަންކަން އެ މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރުގެ ކަންކަމަށް ނުވަތަ އުމްރާވެރިންގެ ސަލާމަތަށް އެއްވެސް ނުރައްކަލެއް އޮތްތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ.





