
އިސްލާމިކް މިނިސްޓްރީން ހުކުރު ހުތުބާ ކުއިޒްއެއް ބާއްވަނީ

ފާޠިމަތު ހިބާ

ހުކުރު ހުތުބާ ކުއިޒް އިފްތިތާހް ކުރަނީ--ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
SHARE
އިސްލާމިކް މިނިސްޓްރީން މި ރޯދަމަހު ހުކުރު ހުތުބާ ކުއިޒް އެއް ބާއްވަން ހަމަ ނިންމައިފިއެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ކުއިޒްގެ މައިގަނޑު މަގްސަދަކީ ހުކުރު ހުތުބާ ކިޔުމަށާއި އަޑުއެހުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުކުރުމާއި ހުތުބާގައި ހިމެނޭ މުހިންމު ފިލާވަޅުތައް ކުދިންނަށް ދަސްކޮށްދިނުން އަދި އާއިލާތަކުގެ މެދުގައި ހުކުރު ހުތުބާގެ މައުލޫމާތުތަކާމެދު މަޝްވަރާކުރުމުގެ ރޫހު އާލާކުރުމެވެ.
މިއީ ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ޑިޖިޓަލް ކުއިޒް މުބާރާތެކެވެ. މި ކުއިޒް އަމާޒުކުރެވިފައިވަނީ އުމުރުން ހަތް އަހަރާއި 15 އަހަރާ ދެމެދުގެ ދިވެހި ކުދިންނަށެވެ.
މި ކުއިޒްގައި މައިކްރޮސޮފްޓް ފޯމްސް (ފޯނުން ނުވަތަ ކޮމްޕިއުޓަރުން )ބައިވެރިވެވޭނެއެވެ. މިއީ "އޯޕަން ބުކް"ކުއިޒް އެކެވެ. އެހެންކަމުން ޖަވާބު ހޯދުމަށް މިނިސްޓްރީގެ ވެބްސައިޓުން ހުތުބާ ކިޔުމާއި ބެލެނިވެރިންގެ އެހީތެރިކަންވެސް ހޯދޭނެއެވެ. ކުއިޒް ހުޅުވާލެވިފައި ހުންނާނީ ކޮންމެ ބުދަ ދުވަހެއްގެ 10:00 އިން ބުރާސްފަތި ދުވަހުގެ ރޭގަނޑު 22:00 އަށް ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ކުއިޒް ގައި ބައިވެރިވުމަށްޓަކައި މިނިސްޓްރީން މިކަމަށް ހަދާފައިވާ ވައިބާ ގްރޫޕަކަށް ޖޮއިން ކުރަން ޖެހެއެވެ.

މި ކުއިޒްގައި ބައިވެރިވާ ކުދިންގެ ތެރެއިން ކޮންމެ އުމުރުފުރާ އަކުން އެއްވަނައަށްދާ ކުއްޖަކަށް އުމްރާ ދަތުރެއް ލިބެއެވެ. ދެވަނައަށް 1000 ރުފިޔާގެ ފައިސާގެ އިނާމު އަދި ތިންވަނައަށް 500 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެހެން ވަނީ ހަމަޖައްސާފައެވެ.
މިއީ އޯޕަން ބުކް ކުއިޒްއެއްކަމުން ވަނަތަކަށް ދާނީ ހުރިހާ ބުރުތަކެއްގެ ޖުމްލަ ސްކޯގެ %90 އަށްވުރެ މަތިން މާކްސް ހޯދާ ކުދިންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ކުދިންނެވެ. މާކްސަ އެއްވަރުނަމަ އެކުދިންގެ ތެރޭގައި ގުރު ނެގޭނެއެވެ.




