
ތަރިކައާ އެންމެ ބޮޑަށް ގުޅިފައިވާ އެއް ދާއިރާއަކީ ޅެންވެރިކަން: ވަޒީރު

އަޙްމަދު ޝާބިން

SHARE
ޅެންވެރިކަމަކީ ދިވެހި ޤައުމީ ވުޖޫދުގައި ތަރިކައާ އެންމެ ބޮޑަށް ގުޅިފައިވާ އެއް ދާއިރާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް އައްޑޫ ހައި ސްކޫލުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ޅެންވެރިންނަކީ ޤައުމެއްގެ ދެމިއޮތުމާއި، އަޚުލާގާއި، ދިރިއުޅުމުގެ މާނަތަކާއި މަޤްޞަދުތައް މުޖުތަމަޢަށް ބަޔާންކޮށްދޭ ބައެއް ކަމަށެވެ. އަދި ހިތްވަރާއެކު ޅެންވެރިކަން ޒުވާން ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ގައުމިއްޔަތު އިޔާދަކުރުމަށް ގެންގުޅުއްވާ ތަޞައްވުރަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރައީސްގެ ފުރަތަމަ ޤައުމީ މުޚާޠަބުކުރެއްވުމުގައާއި، މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ދިވެހި ތަރިކައާއި ގައުމިއްޔަތު އިޔާދަކުރުމުގެ މަޝްރޫޢުގެ މުހިންމުކަން ބަޔާންކުރައްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ތަރިކައިގެ ބައިތަކަށް ބައްލަވާލައްވަމުން ވަޒީރު ވިދާޅުވީ، ތަރިކައިގެ ތެރޭގައި މާއްދީ، ތޮބީއީ އަދި މައުނަވީ ތަރިކަ ހިމެނޭއިރު، ޅެންވެރިކަމާއި ބަހަކީ އޭގެ ތެރެއިން މައުނަވީ ތަރިކައިގެ ތެރޭގައި ހިމެނޭ މުހިންމު ބައިތަކެއް ކަމަށެވެ. މި ޖަލްސާގައި މިއަހަރުގެ ޅެންވެރިންގެ ދުވަސް ތަޚްޞީސްކުރެވުނު އައްޑޫ ސިޓީ ހިތަދޫ ކެމީ، ޙަސަން ލަބީބްގެ ޅެންފޮތް "ގުލޭނޫރަންމާ" ވަނީ ނެރެދެއްވާފައެވެ.

މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އާދަމް ޢަބްދުއްރަޙްމާނެވެ. ޖަލްސާގައި ވަނީ ޅެންވެރިޔާ ޙަސަން ލަބީބްގެ ޚިދުމަތް ފާހަގަކޮށް ޚާއްސަ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ.




