ރާއްޖޭގެ ވައި އާދަޔާއި ހިލާފަށް ނުސާފު: ރައްކާތެރި ވާނީ ކިހިނެއް؟

އަޙްމަދު ޝާބިން

SHARE
އާދަޔާއި ހިލާފަށް މުޅި ރާއްޖޭގެ ވައި ވަނީ ތަގައްޔަރު ވެފައެވެ. "އައިކިޔުއޭ" ގެ އެންމެ ފަހުގެ ހޯދުންތަކުން ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށް އެބަ ދައްކައެވެ.

ދުންފުހުގެ ސަބަބުން ރާއްޖޭގެ ވައިގެ ކޮލިޓީ މިހާރު ހުރީ "ޕީއެމް2.5" ގައެވެ. މިއިން ދައްކުވައި ދެނީ ވައިގެ ތެރޭފައި ހުންނަ "ޕާޓިކަލްސް" ނުވަތަ އެތިކޮށްކޮޅެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވައިގެ ކޮލިޓީ ހުންނަން ޖެހޭ އެންމެ މަތި މިންވަރަށް ވުރެ ދެ ގުނަ މަތި އަދަދެވެ.
މުޅި ރާއްޖޭގެ އެވަރެޖު އެއަރ ކޮލިޓީ އިންޑެކްސް ހުރީ ޖުލްމަ 57 ގައެވެ. އެއީ މެދުމިން ވަރަކަށް ވައި ތަޢައްޔަރުވުމެވެ. ނަމަވެސް މި އަދަދު ރާއްޖޭގެ އެކި ހިސާބުތަކަށް ތަފާތެވެ. މިގޮތުން އެންމެ ތަޢައްރަރުކޮށް ކުޅުދުއްފުށީގެ ސަރަހައްދުގައި މިވަގުތު އެއާ ކޮލިޓީ އިންޑެކްސް ހުރި 159 ގައެވެ. އެއާއި ޖެހިގެން މާލެ ސަރަހައްދުގައި ހުރީ 154 ގައެވެ.
ރާއްޖެ ސަރަހައްދުގެ ވައިގެ ކޮލިޓީ
މިއަދަދު ވަންނަނީ ރަތް ސަމާލުގެ ތެރެއަށެވެ. އެއީ އެއްވެސް މީހަކު މާސްކު ނާޅާ ބޭރަށް ނުނިކުތުމަށާއި ހިތުގެ އަދި ޕުއްޕާމޭގެ ބަލިތައް ބޮޑުވުމުގެ ނުރަށްކާ އެބަ އޮތްކަމެވެ.

މިކަމާ ގުޅިގެން އެޗްޕީއޭ އިން ވަނީ އާންމުންނަށް ސަމާލުވުމަށް އަންގާފައެވެ. ބޭރަށް ނިކުންނަ ނަމަ އަނގަޔާއި މޫނު ނިވާވާނެ މާސްކުއެޅުމާއި ދާންޖެހިންގެން ނޫނީ ބޭރަށް ގޮސްނޫޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް ފުއްޕާމޭގެ ބަލިމީހުންނާއި ދިފާއީބާރު ދަށް މީހުން ރައްކާތެރިވުމަށްވެސް ވަނީ އަންގާފައެވެ.
ދުންފުހުގެ ސަބަބުން ވައިގެ ތެރޭގަ މިދައުރުވާ ކުދި އެތިކޮށްކޮޅު ނޭވާލާ ނިޒާމުގެ ތެރެއަށް ނޭވާލާއިރު ވަދެގެންދެއެވެ. މިޔާއެކު ނޭވާލާ ހޮޅި ދުޅަވެ ދަވަ އުފައްދަން ފަށައެވެ. މިގޮތަށް ދަވަ އުފެއްދުމުގެ ސަބަބުން ފުއްޕާމޭގެ ބަލި ހުންނަ މީހުން ނޫނީ "އެސްމާ" ހުންނަ މީހުންނަށް ނޭވާލާން އުނދަގޫވެ އޮކްސިޖަން ލިބޭ މިންވަރު ދަށްވެއެވެ.
މި ކުދި އެތިކޮށްކޮޅަކީ ލޮލަށް ނުފެންނަ އަދި އިހުސާސްވެސް ނުވާ "މައިކްރޯ ޕާޓިކަލްސް" އެވެ. ނެވާލާ ނިޒާމުން މިތަކެތި ވަދެ ލޭގެ ތެރެއަށް މިތަކެތި ފެތުރިގަނެއެވެ. ލޭހޮޅިތައް ދުޅަވެ ހިތުގެ ބަލިތަކަށް އޮންނަ ރިސްކު ބޮޑުވެއެވެ. ލޭގެ ޒަރިއްޔާއިން މުޅި ހަށިގަނޑަށް ފެތުރި އެކި ގުނަވަންތަކާއި ސެލްތައް ދުރުރާސްތާއެއްގައި ހަލާކުކުރެެއެވެ.

މި ވައިގެ ނުސާފުކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. މީގެ ތެރެއިން:
- ތިމާ ދިރިއުޅޭ ސަރަހައްދުގައި ވައިގެ ނުސާފުކަން ހުރީ ކިހާވަރަކަށްތޯ ބަލާލުން
- މޫނަށް ފިޓުވާ "އެން95" ނުވަތަ "އެންކޭ95" މާސްކު އަޅައިގެން ނޫނީ ބޭރަށް ނުނިކުތުން
- ބޭރަށް ނުކުންނަ މިންވަރު މަދުކުރުން
- ގޭތެރޭގެ ވައި ސާފުކޮށް ބެހެއްޓުމަށް ދޮރާއި ކުޑަދޮރު ހުޅުވާ މިންވަރު ކުޑަކުރުން، ވައި ސާފުވާ ގަޑިތަކަށް ދޮރާއި ކޮޑަދޮރުތައް ހުޅުވާލުން
- "އެއާ ޕިޔުރިފަޔާ" އެއް ބޭނުން ކުރުން
- "އެސްމާ"، "ސީއޯޕީޑީ" ފަދަ ޕުއްޕާމޭގެ ބަލިތައް ހުންނަ މީހުން "އިންހޭލާއެއް" އަބަދުވެސް އަތް ފޯރާފަށުގައި ބޭއްވުން
- ކެއްސާ، ނޭވާލާން އުނދަގޫވެ، މޭގަ ރިއްސާ ނަމަ ސިއްހީ އެހީތެރިކަމެއް ހޯދުން
- ކުރެވޭ މިންވަރަކުން ގޭގައި ކަސްރަތުކޮށް، މޭވާ ތަރުކާރީ ކެއުމުގައި އިތުރު ކުރުން
މިއީ ފަރުދީ ގޮތުން ހައްލު ކުރެވޭނެ މައްސަލައެއް ނޫނަސް، އަމިއްލަ މީހާގެ ހަށި ރައްކާތެރިކުރުމަށް މަސައްކަތް ކޮށް، އުޅަނދުފަހަރު ދުއްވާ މިންވަރު މަދުކުރުން މިއީ ކުރެވޭނެ ކަންކަމެވެ. ދުނިޔޭގެ ފެންވަރުގައި ގާނޫތަކެއް ހަދައި ވައި ނުސާފު ކުރާ ކާރުހާނާތަކާއި އުޅަނދު ފަހަރު މަދު ކުރެވިގެން ނޫނީ މިކަމަށް ދާއިމީ ހައްލެއް އައުން ނާދިރެވެ.




