
މުޅި އަހަރުތެރޭ ހުށަހެޅޭ ގޮތަށް ސްޓޫޑެންޓް ލޯނަށް ހުޅުވާލަނީ

އަޙްމަދު ސަދޫފް މޫސާ

SHARE
ވަކި މުއްދަތެއް ނެތި މުޅި އަހަރުތެރޭގައި ސްޓޫޑެންޓް ލޯނަށް އެދި ހުށަހަޅޭ ގޮތަށް ސަރުކާރުން އުސޫލު ބަދަލުކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ މީގެ ކުރިން ވަކި މުއްދަތެއްގެ ތެރޭގައި ސްޓޫޑެންޓް ލޯނަށް އެދި ހުށަހަޅަން ޖެހޭތީ ދަރިވަރުންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެގޮތުން ވަކި މުއްދަތެއް އޮންނާތީ ބައެއް ދަރިވަރުންނަށް ލޯނަށް އެދުމުގެ ފުރުސަތު ގެއްލެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިފަހަރު ލޯނަށް ހުޅުވާލާއިރު އެޕްލިކޭޝަން ޑެޑްލައިނެއް ނުބާއްވާ ލޯނަށް އެދުމުގެ ފުރުސަތު މުޅި އަހަރަށް ހުޅުވާލެވިފައި އޮންނާނެ،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ހުށަހަޅަން ޖެހޭ ލިޔުންތަކަށްވެސް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މި ބަދަލާއެކު ދަރިވަރުންނަށް ލޯނަށް އެދުމަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް މިނިސްޓްރީން ގަބޫލުކުރެއެވެ. އަދި ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހަޅާ ދަރިވަރުންނަށް ލޯނު ދޫކުރުމުގެ ކަންކަން މީގެ ސަބަބުން އަވަސްވެގެންދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ލޯނަށް އެދުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާނެ ތާރީޚާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ރޯދަމަހުގެ ފަހު 10ގެ ޗުއްޓީއަށްފަހު ސަރުކާރު ހުޅުވޭ ހަފްތާތެރޭގައި އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
މީގެ އިތުރުން، ސްޓޫޑެންޓް ލޯނު މިހާރު ދޫކުރަން ނިންމާފައި ވަނީ ޝަރީއާ ކޮމްޕްލަޔަންޓް އުސޫލުން ކަމަށްވާތީ، މީގެ ކުރިން ލޯނާއެކު ނަގަމުން އައި 1 ޕަސެންޓްގެ އިދާރީ ފީ މިހާރު ވަނީ އެއްކޮށް އުނިކޮށްފައެވެ.




