
ދޮޅު މަސް ތެރޭގައި 72 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

އަޙްމަދު ސަދޫފް މޫސާ

SHARE
ވޭތުވެދިޔަ ދޮޅު މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު އަދި އެތެރެކޮށްފައިވާ 83 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހްސާން ވިދާޅުވީ، ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި ފާއިތުވި ދޮޅު މަސް ދުވަހުގެ ތެރޭގައި ޖުމްލަ 83.4 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.
މި ތަކެތީގެ މަގުމަތީ އަގު 72.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް މިނިސްޓަރު ލަފާކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، އަތުލައިގަނެވުނު ތަކެތީގެ ތެރެއިން 72 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ބޯޑަރު ކޮންޓްރޯލްގެ ތެރެއިންނެވެ.
މިއީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިހްސާން ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ނެޓްވޯކްތައް ހިންގާ ތިން ދިވެހިން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.

"އެ މީހުން ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށްޓަކައި، އެތެރެވާ ދޮރުތައް ބަންދުކޮށް، މިފަދަ ޖިނާއީ ކުށްތަކުގައި ބައިވެރިވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުން ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.



