
ހަކުރުން ސަބްސިޑީ ކަޑާލާކަށް ނޫޅެން، ބޭނުންވަނީ ރައްޔިތުން ހޭލުންތެރިކުރަން: ރައީސް

އަޙްމަދު ސަދޫފް މޫސާ

SHARE
ހަކުރު ސަބްސިޑީ ކަނޑާލުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ސިއްހަތަށް ނުރައްކާވާ ފަދަ ތަކެތިން ދުރުވުމަށް ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ 'ދަ ގްރޭޓާ އައްޑޫ ވިޝަން' ގެ ތަފްސީލު ލޯންޗުކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝީޝާ މަނާކުރުމާއި ދޯބުރާލި ހަކުރަށް ދެމުން އަންނަ ސަބްސިޑީ ކަނޑާލުމާ ގުޅޭގޮތުން ސިއްހަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ދާދި ފަހުން ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެއީ ރަނގަޅު ވާހަކަފުޅެއް ނޫން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ އެފަދަ ނުބައި އާދަތަކުން ދުރުވުމަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ނޫޅެން ޝީޝާ ބުއިން ބޭން ކުރާކަށެެއް. ހަކުރު ސަބްސިޑީ ކަނޑާލާކަށް. އެކަހަލަ ކަންކަން ކުރާކަށެއް. އެކަމަކު ޕަބްލިކް އެވެއާނަސް އިތުރުކޮށް މިކަމުން ދުރުވާން ހިއްވަރުދޭން ބޭނުންވަނީ," ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ނިޒާމީ ގޮތެއްގައި ސިއްހަތަށް ގެއްލުން ހުރި ކަންކަމުން ދުރުވުމަށް ރައްޔިތުންނަށް ހިތްވަރު ދިނުމަކީ ސަރުކާރުގެ މުހިންމު މަސައްކަތެއް ކަމަށެވެ. ނަމަވެސް އެއީ ކަންކަން މަނާކޮށްގެން ނުވަތަ ސަބްސިޑީތައް އުނިކޮށްގެން ކުރަން އުޅޭ ކަމެއް ނޫން ކަމަށް އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.






