
އައްޑޫގެ މައި ކަރަންޓު ސްޓޭޝަން ގާއިމްކުރުމަށް ދުބާއީގެ ކުންފުންޏަކަށް ހަވާލުކޮށްފި

އަޙްމަދު ސަދޫފް މޫސާ

Screenshot
SHARE
އައްޑޫގެ ކަރަންޓުގެ ވިޔުގަ ހަރުދަނާކޮށް، ޚިދުމަތް ރަނގަޅުކުރުމަށްޓަކައި އެ ސިޓީގައި ގާއިމްކުރާ މައި ސެންޓްރަލް ޕަވަރ ސްޓޭޝަން (ސީޕީއެސް) ނިންމުމަށް، ދުބާއީގެ ކުންފުންޏަކާއެކު ފެނަކަ ކޯޕަރޭޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ފެނަކައިން ސޮއިކޮށްފައިވަނީ ދުބާއީގެ ޑެފިނިޓް ސޮލިއުޝަންސް ނަމަކަށްކިޔާ ކުންފުންޏަކާއެވެ. މި އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މޭޖާ (ރިޓަޔަޑް) މުޙައްމަދު ނަޖާޙެވެ. ޑެފިނިޓް ސޮލިއުޝަންސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ފައުންޑާ އަދި ސީއީއޯ އަބްދުﷲ ސައީދެވެ.
އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ މި މަޝްރޫއު ނިމުމުން، އައްޑޫ ސީޕީއެސްގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ހުންނާނެ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.
މި އެއްބަސްވުމުގެ ދަށުން ސީޕީއެސް ފުރިހަމަކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއްގެ އިތުރުން، އިންޖީނުތައް ބަހައްޓައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން މި ސްޓޭޝަންގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ބެލްޖިއަމްގެ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭބީީސީ) ގެ ޒަމާނީ ލޯ ސްޕީޑް އިންޖީނުތަކެކެވެ.
މިހާރު އައްޑޫގައި ބޭނުންކުރާ ހައި ސްޕީޑް އިންޖީނުތަކާ ޚިލާފަށް، އަލަށް ބަހައްޓާ ޔޫރަޕްގެ މި އިންޖީނުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް އެކަށީގެންވާ ވަސީލަތްތަކެއް ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.

އައްޑޫގެ ސީޕީއެސްގެ މަސައްކަތް ދުބާއީގެ ކުންފުންޏަކާ ހަވާލުކުރިއިރު، މި މަސައްކަތްކުރުމަށް މީގެ ކުރިން ވަނީ ޗައިނާގެ ޑޮންފަން ނަމަކަށް ކިޔާ ކުންފުންޏަކާ ވެސް ހަވާލުކޮށްފައެވެ. އެހެން ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިޔަށް ނުދިޔުމުން، އެ މަސައްކަތުގެ އެއްބަސްވުން ފެނަކައިން ވަނީ ބާތިލުކޮށްފައެވެ.




