އިންތިޚާބުތައް ވަކިން ބާއްވާ ނިޒާމު ރާއްޖޭގައި ފެއިލްވެއްޖެ، އެހެން ގޮތްތައް ބަލަންޖެހޭ: ދިޔާނާ
މިރާޝް މޫސާ

ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު -- ފޮޓޯ / ސަންގު
SHARE
ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބާ ދެމެދު މުއްދަތެއް ބާއްވައިގެން ސަރުކާރު ޖަވާބުދާރީކުރެވޭފަދަ "އިފެކްޓިވް" މަޖިލީހެއް ރާއްޖެއަށް ލިބިފައި ނުވާ ކަމަށާއި، އެހެންކަމުން އެކަމުގައި ދެން ހުރި ގޮތްތައް އަޖުމަބެލުން ލާޒިމްވެފައިވާ ކަމަށް ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދެ އިންތިޚާބު އެއް ދުވަހަކަށް ބޭއްވުމަށް ނުފެންނަކަން ހާމަކުރައްވާ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ކުރީގެ ބަންޑާރަ ނާއިބު ހުސްނުއް ސުއޫދު ފާޅުކުރައްވާފައިވާ ޚިޔާލަށް ރައްދުދެއްވާ ކުރެއްވި ޓުވީޓެއްގައި ދިޔާނާ ވިދާޅުވީ މި ގައުމަށް މިހާރު އެންމެ މުހިއްމު ކަމަކީ ސަރުކާރު ޖަވާބުދާރީ ކުރެވޭފަދަ މަޖިލީހެއް ހޯދުން ކަމަށެވެ.
ސުއޫދުގެ ވާހަކަފުޅުގައި ވަނީ ދެ އިންތިޚާބު އެކީ ބޭއްވުމުގެ ކުރިން ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ހައްލުކުރަން ޖެހޭ ކަމަށް އޭނާއަށް ފާހަގަކުރެވޭ ބައެއް މައްސަލަތައް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ޖޭއެސްސީގައި ސިޔާސީ މީހުން ތިބުމާއި، އެހެނިހެން މިނިވަން މުއްއްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވުން އަދި ކޮންމެ ދައުރަކު މަޖިލީހުގެ މެންބަރުން އިތުރުވަމުން ދިއުން ފަދަ މައްސަލަތައް އޭނާ ފާހަގަކުރެއްވިއެވެ.
ދިޔާނާ ވިދާޅުވީ އެ މައްސަލަތައް ހައްލުނުވެ އޮތް އެންމެ ބޮޑު ސަބަބަކީ ވެސް ރަނގަޅަށް މަސައްކަތް ކުރާ މަޖިލީގެއް ލިބިފައި ނެތުމެވެ.
"މިހާރު އަމަލުކުރަމުން މިދާ ދެ އިންތިހާބުގެ ދެމެދު ހަ މަސް އޮތް ސްޓެގާޑް އިންތިޚާބީ ނިޒާމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރެވޭނެ އެންމެ މަޖިލީހެއް ވެސް ވޭތުވެދިޔަ 15 އަހަރުތެރޭގައި ލިބިފައި ނުވޭ" އޭނާ ވިދާޅުވިއެވެ.
ދިޔާނާ ވިދާޅުވީ އެހެން ކަމުން ދެ އިންތިޚާބު ވަކިން އޮންނަ ނިޒާމު ރާއްޖޭގައި ފެއިލްވެފައިވާ ކަމަށެވެ. އަދި އެކަމުގައި ދެން ހުރި ގޮތްތައް ބެލުން މިހާރު ލާޒިމްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެގޮތުން ކޮންކަރެންޓް އިންތިޚާބު [ދެ އިންތިޚާބު އެކުގައި ބޭއްވުން] ޓެސްޓުކުރުން މުހިއްމު" އޭނާ ވިދާޅުވިއެވެ.
ދިޔާނާ ވިދާޅުވީ ދެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމުން އިދާރީ ޚަރަދުތަކާއި، ދައުލަތުގެ ވަސީލަތައް ނަހަމަ ގޮތުގައި ބޭނުންކުރުން ވެސް ކުޑަ ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

.jpeg&w=3840&q=75)


