ރެފަރެންޑަމުން ނާކާމިޔާބުވީ ކެމްޕޭން ޓީމުތަކަށް އެކަން ރަނގަޅަށް ކިޔައިނުދެވުމުން: ރައީސް

އަޙްމަދު ސަދޫފް މޫސާ

SHARE
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓު ޕީއެންސީއަށް ނާކާމިޔާބުވީ، އެކަމުގެ މައުލޫމާތު ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ކިޔައިދެވިފައި ނުވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ނިމިދިޔަ ކައުންސިލު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިލެކްޝަންގައި އއ. ރަސްދޫ، އއ. ތޮއްޑޫ އަދި އއ. އުކުޅަހުން ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިންތިހާބުތައް އެއްކޮށްލުމަކީ ވަރަށް ސާފުކޮށް އޮތް މައްސަލައެއް ނަމަވެސް، އެކަން ކިޔައިދޭން ޕީއެންސީގެ ޓީމުތަކަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށެވެ.
"ްއެއީ އެހާ ސާފުކޮށް އޮތް މައްސަލައެއް. އެކަމަކު އެކަން ކިޔައިދޭން އަޅުގަނޑުމެންނަކަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރެވޭ. އަޅުގަނޑުމެން އެބަޖެހޭ، މި ދަންނަވަނީ އަޅުގަނޑުމެން ޕީއެންސީގެ ޓީމުގެ ވާހަކަ. ޖުމްލަކޮށް މުޅި ރައްޔިތުންގެ ވާހަކައެއް ނޫން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، އެހާ ސާފުކޮށް އޮތް މައްސަލައެއްގައި ޕީއެންސީގެ ކެމްޕޭން ޓީމުތަކުން އެ މަސައްކަތް ރަނގަޅަށް ކޮށްފައި ނުވާ ކަމަށެވެ. އަދި ޕީއެންސީގެ ފަރާތުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނުއިރު، ރައްޔިތުންނާ ހަމައަށް ދިޔައީ އިދިކޮޅު ޕާޓީތަކުން ފެތުރި އެކި ކަހަލަ ދޮގު ވާހަކަތައް އެކަނި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށް ވޯޓު ދިނީ ގެ %68.74 އިންސައްތަ މީހުންނެވެ. އެއީ ވޯޓުގައި ބައިވެރިވި 148،859 މީހުންނެވެ.
އަދި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެންނަ ކަމަށް ވޯޓު ދިނީ 67،680 ރައްޔިތުންނެވެ. އެއީ %31.26 ރައްޔިތުންނެވެ.




