އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ އައްޔަންކުރަނީ
އައިޝަތު ހިދާޔާ
.jpeg&w=3840&q=75)
SHARE
ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާއި ބެލްޖިއަމްގެ ސަފީރުކަމަށް ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރަން މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައީސްގެ ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްاللهއަށް ފޮނުއްވި ސިޓީއެއް މިއަދުގެ މަޖިލީހުގައި ވަނީ އިއްވާފައެވެ. މި ސިޓީގައި ވަނީ އީޔޫ އަދި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ އައްޔަންކުރަން ގަސްދުކުރާތީ, އޭނާ އެ މަގާމަށް އައްޔަންކުރަން މަޖިލީހުގެ މަޝްވަރާ ހޯދައި, މަޖިލީހުން ނިންމާގޮތް އަންގައި ދިނުމަށެވެ.
މަޖިލީހުގެ ރިޔާސަތުން ވަނީ މި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ކޮމިޓީއަށް ފޮނުވާފައެވެ.
ދިޔާނާ ވަނީ ޝަރުއީ ދާއިރާއިން ތައުލީމު ހާސިލްކުރައްވާފައެވެ. ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި 2008ވަނަ އަހަރު ދިޔާނާ ވަނީ އެޓާނީ ޖެނެރަލްގެ މަގާމު އަދާކުރައްވާފައެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ 18 މޭ 2009ގައެވެ.
އަދި ސައުތް އޭޝިއާއަށް ރާއްޖޭން ކަނޑައަޅުއްވާފައިވާ އެންވޯއީގެ މަގާމާއި ސާކްގެ ސެކެޓްރީ ޖެނެރަލްގެ މަގާމު ދިޔާނާ އަދާކުރެއްވިއެވެ. އަދި ރައީސް ނަޝޫދަށްފަހު ވެރިކަން ކުރެއްވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އޭނާ ވަނީ ޖެންޑާ މިނިސްޓަރުކަން ކުރައްވާފައެވެ.



