
ގިނައިން އިންތިހާބުތައް ބޭއްވުމުން ގައުމުގެ ހަމަޖެހުމަށާއި އިގްތިސާދަށް ނޭދެވޭ އަސަރު ކުރޭ: އުޝާމް

އަޙްމަދު ސަދޫފް މޫސާ

SHARE
ރާއްޖޭގައި ގިނަގިނައިން އިންތިހާބުތައް ބޭއްވުމުގެ ސަބަބުން ސިޔާސީ ނުތަނަވަސްކަން އުފެދި، ގައުމުގެ އިގްތިސާދަށާއި ހަމަޖެހުމަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަމަށް އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ، ރާއްޖޭގައި އަބަދުވެސް ކޮންމެވެސް އިންތިޚާބެއްގެ ފޯރި އޮތުމަކީ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.
މި އިސްލާހުގެ ދަށުން މަޖިލީހުގެ އާ ދައުރު ފެށޭ ތާރީހަކީ ޑިސެމްބަރު އެކެއް ކަމުގައި ހަމަޖެހިގެންދާނެ ކަމަށާއި، އިންތިހާބުވާ ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވާތާ ގާތްގަނޑަކަށް ދެ ހަފުތާ ތެރޭގައި އާ މަޖިލިސް ވެސް ހުވާކުރާނެ ކަމަށް އޭޖީ ވިދާޅުވިއެވެ.
"މި ބަދަލަކީ ވޭތުވެދިޔަ 15 އަހަރުގެ ތަޖުރިބާއަށާއި، ކުރެވިފައިވާ ދިރާސާތަކުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މައްޗަށް ބިނާކޮށް ގެނެވޭ ބަދަލެއް" އުޝާމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށްފަހު އެންމެ ހަ މަސްދުވަސް ތެރޭގައި މަޖިލިސް އިންތިހާބު ބާއްވަން ޖެހުމަކީ، އަލަށް އަންނަ ސަރުކާރަކަށް ގައުމު ހިންގުމަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަން ދިނުމަށް އޮތް ހުރަހެއް ކަމަށް އުޝާމް ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ސިޔާސީ ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ބަންޑާރަ ނައިބު ވިދާޅުވީ މިކަމަކީ ސަރުކާރުން ވަރަށް ބޮޑަށް ދިރާސާކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.
ކޮމިޓީ މަރުހަލާގައި ސިޔާސީ ޕާޓީތަކާއި އެހެނިހެން ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ ހޯދައި، އާންމުންގެ ހިޔާލަށްވެސް މިކަން ހުޅުވާލެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ބިލު ފާސްވުމަށްފަހުވެސް، ރައްޔިތުން ހޭލުންތެރިކުރުވުމަށް 45 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ.




