

ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަނީ --
SHARE
ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒުުކުރަން ފެށުމަށް، އެކަން ކުރަންޖެހޭ ގޮތް ބަޔާންކުރާ ގާނޫނެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ތައްޔާރުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުުރައްވާ މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ޝަރީއަތް ގާއިމުވެފައިވާ އިސްލާމީީ ގައުމަކަށް ވާތީ، މަރަށް މަރު ހިފުމަށް ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމިފައިވާ މީހުންނަށް އަދަބު ނުދީ ބޭތިއްބުމުގެ އިޚްތިޔާރު ލިބިފައިނުވާ ކަމަށެވެ. މީގެ އިތުރުން، ޑުރަގުގެ މައްސަލަތަކުގައި ވެސް މަރުގެ އަދަބު މިހާރު ގާނޫނުން ކަނޑައަޅާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މަރުގެ އަދަބު ތަންފީޒުކުރުމަށް ޝަރުއީ ހުރިހާ މަރުހަލާއެއް ނިމިފައި ތިބި ގިނަ ބަޔަކު ތިބި ނަމަވެސް މިހާތަނަށް އެކަން މިހާތަނަށް ތަންފީޒުވެފައި ނުވާކަން ރައީސް ފާހަގަކުރެއްވިއެވެ.
"މަރުގެ ހުކުމް ތަންފީޒު ކުރުން އެބަޖެހޭ ގާނޫނީ އިމުގެ ތެރޭގައި ސްޓްރީމް ލައިން ކުރަން" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެ ކަމަކީ ހަމައެކަނި ގަވާއިދަކުން ނުވަތަ އުސޫލަކުން ކަނޑައެޅޭނެ ކަމެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ކަމުން ބަންޑާރަ ނާއިބުގެ އޮފީހުން އެކަމަށް ހާއްސަ ބިލެއް މިހާރު އެކުލަވާލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މަޖިލީހުގެ މިހާރު މިހިނގަމުންދާ ދައުރުގެ ތެރޭގައި އަޅުގަނޑުމެން އެ ބިލް މަޖިލީހަށް ހުށަހަޅާނަން" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމަކީ ރާއްޖޭގެ އަދުލު އިންސާފު، ސޯޝަލް ޖަސްޓިސް ގާއިމުކުރަން މުހިއްމު ކަމެއް ކަމަށެވެ،
"މަޖިލީހުން ގާނޫނަކަށް ފާސްވެގެން ދިއުމުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ތަންފީޒުކުރުމުގެ މަސައްކަތް ފަށާނަން" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި މަރުގެ އަދަބު އެންމެ ފަހުން ތަންފީޒުކޮށްފައިވަނީ 1953ވަނަ އަހަރު ސިހުރުހެދުމުގެ މައްސަލައެއްގައެވެ. މިހާތަނަށް ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ފުރިހަމަވެ، މަރުގެ ހުކުމް ތަންފީޒުކުރުމަށް ތައްޔާރުވެފައިވާ ހަތަރު ކުށްވެރިޔަކު ރާއްޖޭގައި އެބަތިއްބެވެ. މި އެންމެންނަކީ ވެސް ގަސްދުގައި މީހުން މެރުމުގެ މައްސަލަތަކުގައި ގިސާސްގެ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވާ މީހުންނެވެ.






