
ގުޅުމަށް 60 ވާއިރު އެމެރިކާއާ ގުޅިގެން ރާއްޖެ މަސައްކަތްކުރަން ޖެހޭ: ޓްރަމްޕުގެ މަންދޫބު

އަޙްމަދު ޝާބިން

SHARE
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ޚާއްސަ މަންދޫބު އަދި އެމެރިކާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ސާޖިއޯ ގޯ، ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއާ ބައްދަލުކުރައްވައިފިއެވެ.

އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސާޖިއޯ ވިދާޅުވީ، ރާއްޖޭގެ ދެ ވަޒީރުންނާ ބައްދަލުކުރައްވައި ރާއްޖޭގެ މައްސަލަތަކާއި ސަރަހައްދީ މައްސަލަތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުވުންތަކަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިއަހަރަކީ ދެ ގައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ސާޖިއޯ ވިދާޅުވީ ދެ ގައުމުގެ މުހިއްމު ދާއިރާތަކުން އެއްކޮށް މަސައްކަތްކޮށް، އެއްބާރުލުން ދެވޭނެ އައު ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ. މިއީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ސާޖިއޯ ރާއްޖޭގެ ވަޒީރުންނާ ބައްދަލުކުރެއްވިއިރު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ސާޖިއޯއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ހަނގުރާމައާ ގުޅިގެން އޭނާއާ ދައްކަންޖެހޭނެ ވާހަކައެއް ނޯންނާނެ ކަމަށް ރައީސް އިއްޔެ ވަނީ ސާފުކޮށް ވިދާޅުވެފައެވެ.
އެހެން ނަމަވެސް ސާޖިއޯ އާއި ރައީސް މުޢިއްޒު ބައްދަލުކުރެއްވިކަން މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.





