ގުދަނުގައި ރޯވުން: 4 ގެއަކުން 18 މީހަކަށް ވަގުތީ ހިޔާވަހިކަން

އަޙްމަދު ސަދޫފް މޫސާ

މިރޭ ގުދަނުގައި ރޯވި އަލިފާން -- ފޮޓޯ: ނުކުތާ
SHARE
މާލޭގެ އިއްޒުއްދީން މަގުގައި ހުރި ގުދަނެއްގައި މިރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގައި ހުރި ހަތަރު ގެއަކުން މީހުން ހުސްކޮށްފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގައި އަސަރުކުރި 4 އާއިލާއަކަށް ނިސްބަތްވާ 18 މީހުންނަށް މިހާރު ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އަލިފާނުގެ އަސަރު ހުރި ސަރަހައްދުން މި މީހުން ހުސްކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ މ. ކައިރުގޭގައި ހަދާފައިވާ ގޯޑައުންއެއްގައި ކަމަށެވެ. މި ގުދަނުގައި ގަސްކާނާ އާއި ކެމިކަލްގެ ބާވަތްތައް ހުރި ކަމަށް މިހާތަނަށް ލިބުނު މައުލޫމާތުން އެނގިފައިވެއެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރާ ފަޔަރ ލޮރީ ވެސް ވަނީ އެ ސަރަހައްދަށް ގެނެސްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ނަމަވެސް، އެންޑީއެމްއޭ އާއި ކަމާބެހޭ އިދާރާތަކުން ދަނީ ހާލުގައި ޖެހުނު ފަރާތްތަކުގެ ހާލަތު ބަލައި، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ




