ހުރާގެ ގެއެއް އަނދައި، 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

އަޙްމަދު ސަދޫފް މޫސާ

SHARE
ކ. ހުރާގައި މީހުން ދިރިއުޅެމުންދާ ގެއެއްގައި ރޭގެ ވަގުތެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އެ ގެ ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ހުރާ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގި ވަގުތު ގޭގައި ތިބި މީހުންގެ ތެރެއިން އެކަކުގެ އަތް ވަނީ ފިހިފައެވެ. އޭނާއަށް މިހާރު ދަނީ ސިއްހީ ފަރުވާ ދެމުންނެވެ. ނަމަވެސް، އިތުރު އެއްވެސް މީހަކަށް މި ހާދިސާގައި ސީރިއަސް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އަލިފާނުގެ ހާދިސާގައި ގެދޮރު ގެއްލުނު 15 މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހުރާ ކައުންސިލާ ގުޅިގެން ކުރިއަށްދާ ކަމަށެވެ. މީގެ ތެރޭގައި ވަގުތީ ބޯހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށްދިނުން ހިމެނެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ލިބުނު ގެއްލުންތަކުގެ ތަފްސީލު ބެލުމުގެ މަސައްކަތްވެސް ކައުންސިލާއި ކަމާބެހޭ އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.



