ފީއަލީ އަލިފާނުގައި މަސްވެރި ތަކެއްޗަށް ލިބުނު ގެއްލުންތަކަށް ހައްލު ހޯދައިދޭނެ: ވަޒީރު

އަޙްމަދު ސަދޫފް މޫސާ

ފ. ފީއަލީގައި ހިނގި އަލިފާނުގެ ޙާދިސާގައި ރޯވެ ހަލާކުވެފައި -- ފޮޓޯ: ވުޒާރާ
SHARE
ފ. ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި އެރަށު އައިސްޕްލާންޓަށާއި މަސްވެރިކަންކުރާ ބައެއް ދޯނިތަކަށް ލިބުނު ގެއްލުންތައް ބަލާ، އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވުމުގެ ސަބަބުން، އެ ރަށުގައި މިފްކޯއިން ހިންގަމުން ދިޔަ އައިސްޕްލާންޓާއި ފާނަ މަސްވެރިކަންކުރާ 2 ދޯންޏެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. މީގެ އިތުރުން ބަނދަރުގައި ހުރި އެހެން ބައެއް އުޅަނދުތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ފީއަލީގައި ހިނގި މި ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތައް ވަޒަންކުރުމަށްޓަކައި މަސްވެރިކަމާ ބެހޭ ވުޒާރާގެ ހާއްސަ ޓީމެއް މިހާރު ވަނީ އެ ރަށަށް ޒިޔާރަތްކޮށްފައެވެ. މި ޓީމުން އަންނަނީ އައިސްޕްލާންޓަށާއި މަސްވެރި އުޅަނދުތަކަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލީ މައުލޫމާތު އެއްކުރަމުންނެވެ.
ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ، އެ ޙާދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ވަރަށް ކައިރިން އެ ވުޒާރާއިން ބަލަމުން އަންނަ ކަމަށެވެ.
އަދި އެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.






