އިޒްރޭލުން އީރާނުގެ އެންމެ ބޮޑު ގޭސް ފީލްޑަށް ހަމަލާދީފި: އެމެރިކާއިން ބުނީ ނޭނގޭކަމަށް!

އަޙްމަދު ސަދޫފް މޫސާ

SHARE
އެމެރިކާ އަދި އިސްރާއިލު އިސްވެ އޮވެ އީރާނަށް ދިން ހަމަލާއާއެކު މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އިސްރާއީލުން އީރާނުގެ މުހިންމު ހަކަތަ އުފައްދާ މަރުކަޒަކަށް ހަމަލާދީފިއެވެ.

އިސްރާއީލުން ހަމަލާދީފައިވަނީ އީރާނުގެ އެންމެ ބޮޑު އެއް ގޭސް ފީލްޑް ކަމަށްވާ ސައުތު ފާރސް ގޭސް ފީލްޑަށެވެ. މި ހަމަލާގައި އެ ތަނަށް ގެއްލުން ލިބިފައިވާއިރު، އިސްރާއީލުގެ ވާގިވެރި އެމެރިކާއިން ބުނެފައިވަނީ މި ހަމަލާގެ މައުލޫމާތު ކުރިން ލިބިފައިނުވާ ކަމަށެވެ.
މި ހަމަލާގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ ގަތަރުގެ އެލްއެންޖީ ވަސީލަތްތަކަށް ހަމަލާދީފައެވެ. އީރާނުން މި ހަމަލާ ދިނީ އިސްރާއީލުގެ ހަމަލާގައި ގަތަރުގެ ބައިވެރިވުން އޮތް ކަމަށް ހީކޮށްގެންނެވެ.
ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ގަތަރަކީ މި ހަމަލާގައި އެއްވެސް ބައިވެރިވުމެއް އޮތް ގައުމެއް ނޫނެވެ. އެހެންކަމުން އީރާނުން ގަތަރަށް ދިން ހަމަލާއަކީ އިންސާފެއް ނެތް އަދި އެއްވެސް އަސާސެއް ނެތް ހަމަލާއެއްގެ ގޮތުގައި އެ ގައުމުން ވަނީ ސިފަކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް ވަރަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. ރައީސް ޓްރަމްޕް ވިދާޅުވީ، އިސްރާއީލުން މިވަގުތަށް އީރާނުގެ ގޭސް ފީލްޑަށް އިތުރު ހަމަލާއެއް ނުދޭނެ ކަމަށެވެ.

އެހެން ނަމަވެސް، އީރާނުން އަލުން އަނބުރާ ގަތަރަށް ހަމަލާއެއް ދީފިނަމަ، އެމެރިކާއިން އެކަމުގެ ތެރެއަށް ވަންނާނެ ކަމުގެ އިންޒާރު ވަނީ ދެއްވާފައެވެ.
މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށާއި އީރާނުގެ މުސްތަގުބަލަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް މާހިރުން ލަފާކުރެއެވެ.





