
މަޝްވަރާކުރާކަމަށް ބުނެ ޓްރަމްޕް ދެއްކި ވާހަކަތައް އީރާނުން ދޮގުކޮށްފި

އަޙްމަދު ސަދޫފް މޫސާ

SHARE
އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވިދާޅުވުން އީރާނުން ދޮގުކޮށްފިއެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި މި މަޝްވަރާތަކަކީ ވަރަށް "ކާމިޔާބު" އަދި "ނަތީޖާ ނެރެވޭނެ" މަޝްވަރާތަކެއް ކަމަށާއި، އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭން ރޭވި ހަމަލާތައް ފަސްކުރީވެސް މި ސަބަބަށްޓަކައި ކަމަށެވެ.
އެހެން ނަމަވެސް، އީރާނުގެ އޮފިޝަލުންނާއި އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ އެމެރިކާއާ އެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް ބުނެފައެވެ.
އެގޮތުން އީރާނުން ވަނީ ޓްރަމްޕްގެ މި ވާހަކަތަކަކީ ހަގީގަތާ ހިލާފު ނުވަތަ "ފޭކް ނިއުސް" ގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެމެރިކާއާ އެކު އެއްވެސް މުއާމަލާތެއް ނުވަތަ ބައްދަލުވުމެއް ބާއްވާފައި ނުވާނެ ކަމަށް އެ ގައުމުން ބުނެއެވެ.
މިކަމާ ގުޅޭގޮތުން އީރާނުގެ މަޖިލީހުގެ ރައީސް ވިދާޅުވީ، މަޝްވަރާތައް ކުރިއަށްދާ ކަމަށް ބުނެ ދޮގު ވާހަކަތައް ފަތުރަނީ މާކެޓްތަކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށެވެ. އަދި ވޮޝިންގްޓަނާ އެކު އެއްވެސް ބާވަތެއްގެ ވާހަކަތަކެއް ދެއްކުމަށް ތެހެރާނުން އެއްބަސްވެފައި ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ހާލަތުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.




