
ޚަރަދުތައް ހަމަޖައްސަނީ ހަނގުރާމަ 6 މަސް ދުވަހަށް ދެމިދާނެ ކަމަށް ބަލައިގެން: ސަރުކާރު

އަޙްމަދު ސަދޫފް މޫސާ

SHARE
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ އާއި ނުތަނަވަސްކަން މަދުވެގެން ހަ މަސް ދުވަހަށް ދެމިގެން ހިނގައިދާނެ ކަމަށް ބަލައި، ދައުލަތުގެ ޚަރަދުތަކާއި އިޤްތިޞާދީ ކަންކަން ސަރުކާރުން ރާވަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އޭގެ އަސަރު އިޤްތިޞާދަށް ކުރަން ފަށާފައިވާ ކަމަށެވެ. އެހެންކަމުން، އެ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން މިހާރުވެސް ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކަށް ބުރޫނާރާނެ ގޮތަށް ކަންކަން ތަރުތީބު ކުރަމުންދާ ކަމަށާއި، މީގެ ތެރޭގައި ސިއްހީ ޚިދުމަތްތަކާއި ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ފޮނުވަންޖެހޭ ފައިސާގެ ކަންކަން ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދެގުނައަށްވުރެ މައްޗަށް ގޮސްފައިވީ ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ބައެއް ދާއިރާތަކުން ތެލުގެ އަގު ބޮޑުނުކޮށް ހިފެހެއްޓުމަށްޓަކައި ސަރުކާރުން ސަބްސިޑީ ދެމުންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ، މަސްރަޙު މިހާރު އޮތްގޮތުން ހަނގުރާމަ ކުއްލިއަކަށް ނިމިދާނެ ކަމުގެ ނިޝާނެއް އަދި ފެންނަން ނެތް ކަމަށެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކައިރި މުސްތަގުބަލެއްގައި ވަން ޓު ވަންއަކުން މިކަމެއް ނުނިމޭނެ އެހެންވީމާ އަޅުގަނޑުމެން މިހާރު ރާވަމުން މިގެންދަނީ ހަ މަސް ދުވަހާ ހިސާބަށް ގޮސްދާނެ ކަމަށް އެހެންވެއްޖެއްޔާ ދެން އަޅުގަނޑުމެން އަޅަން ޖެހޭނެ ފިޔަވަޅުތައް ބަލާފައި ރައީސުލްޖުމްހޫރިއްޔާ އަދި ކެބިނެޓުގެ ލަފާގެ މަތިން ރާއްޖޭގެ އެކްސްޓާނަލް ރިޒާވާއި އަދި އޭގެ އިތުރުން ޚަރަދު ކުޑަކުރުމުގެ ކަންތައް ކުރިޔަށް ގެންދާނީ.، - ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
މި ހާލަތާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވެދާނެ އިޤްތިޞާދީ ދަތިތަކުން ސަލާމަތްވުމަށްޓަކައި، ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.




