
ތެލުގެ އަގު ދެގުނަ ބޮޑު ވިޔަސް، ރާއްޖޭގައި ތެލުގެ އަގު އިތުރަށް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް

އަޙްމަދު ސަދޫފް މޫސާ

SHARE
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދެ ގުނައަށް އުފުލިފައިވީ ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ތެލުގެ އަގު އިތުރަށް ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ވަނީ ދެ ގުނަ ބޮޑުވެފައި ކަމަށާއި މިވަގުތު ރާއްޖެއިން ގަންނަ ތެލުގެ ފީފާއެއްގެ އަގު 160 ޑޮލަރާ ހަމައަށް އުފުލިފައިވާކަމަށެވެ.
މިއޮތް ދުވަސްތަކުގެ ތެރޭގައި ތެލުގެ އަގު އިތުރަށް ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގައި ނެތް. ބައެއް އިންޑަސްޓްރީތަކަށް މާ ބޮޑަށް ގެއްލުންވެދާނެތީވެ، އާންމުންނަށް މާ ބޮޑަށް އޭގެ އުނދަގޫ ފޯރަފާނެތީ ބައެއް ކަހަލަ ދިމަދިމާލުން ހުންނާނީ ތެލުގެ އަގު ބޮޑުނުކޮށް، - ފިނޭންސް މިނިސްޓަރު މޫސާ
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި އަގު ބޮޑުވި ނަމަވެސް، ރާއްޖޭގެ ބައެއް ދާއިރާތަކުން ތެލުގެ އަގު ހިފެހެއްޓުމަށްޓަކައި ސަރުކާރުން ސަބްސިޑީ ދެމުންދާނެ ކަމަށެވެ. މިއީ އާންމު ދިރިއުޅުމުގެ ހަރަދުތަކާއި ވިޔަފާރިތަކަށް އަތްނުފޯރާ ފަށަށް އަގުތައް އުފުލުނު ނުދިނުމަށް ސަރުކާރުން ނިންމި ނިންމުމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް ތެޔޮ ގެނައުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޒަމީރު ވިދާޅުވީ، އޭޕްރީލް މަހުގެ ދޭއް ނުވަތަ ތިނެއް ހިސާބުގައި ސިންގަޕޫރުން ޕެޓްރޯލާއި ޑީސަލް ބަރުކޮށްގެން އަންނަ އުޅަނދެއް ރާއްޖެ އަންނާނެ ކަމަށެވެ. އަދި ހަމައެއާއެކު، އޭޕްރީލް ހަތަރެއް ނުވަތަ ފަހެއް ހިސާބުގައި އޮމާންގެ ސޮހާރުންވެސް ތެޔޮ ބަރުކޮށްގެން އިތުރު އުޅަނދެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް ރާއްޖޭގައި އެކަށީގެންވާ ވަރަށް ތެލުގެ ސްޓޮކް އެބަހުރި ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
ރާއްޖޭގައި އެންމެ ފަހުން ތެލުގެ އަގަށް ބަދަލެއް އައީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އެ ދުވަހު ޕެޓްރޯލް ލީޓަރެއްގެ އަގު 13.50 ރުފިޔާއިން 16.01 ރުފިޔާއަށް ބޮޑުކުރިއިރު، 13.92 ރުފިޔާއަށް ހުރި ޑީސަލް ލީޓަރެއްގެ އަގު ވަނީ 17.54 ރުފިޔާއަށް އުފުލިފައެވެ. ސަރުކާރުގެ އަމާޒަކީ މިހާރު ހުރި އަގުތަކުގައި ކުރިއަށް އޮތް ތަނުގައިވެސް ހިފެހެއްޓުމެވެ.



