
ރާއްޖޭގެ ތިން ސަރަހައްދެއްގައި ގައުމީ ތެލުގެ ރިޒާވެއް ގާއިމުކުރަނީ

އަޙްމަދު ސަދޫފް މޫސާ

SHARE
ރާއްޖޭގެ ތިން ސަރަހައްދެއްގައި ގައުމީ ތެލުގެ ރިޒާވެއް ގާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ދިރާސާތަކުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ވިސްނުމަކީ ކޮންމެ ފިޔަވައްސަކަށް ގާތްގަނޑަކަށް ދޮޅު އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ހޭދަކޮށް، ޖުމްލަ ހަތަރު އަހަރާއި ފަސް އަހަރުގެ ތެރޭގައި ތިން ސަރަހައްދެއްގައި އޮއިލް ރިޒާވް ގާއިމުކޮށް ނިންމުމެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ ދޮޅު އަހަރުން ފޭސް އެއްގޮތަށް ގާތްގަނޑަކަށް ހަތަރު އަހަރުާއި ފަސް އަހަރުން ތިން ސަރަހައްދެއްގައި އޮއިލް ރިޒާވެއް ގާއިމުކުރުން. އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ދިރާސާތަކެއް ދަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ މާލީ ތަފްސީލުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކޮންމެ ފިޔަވައްސަކަށް ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު އިންވެސްޓްކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި މަސައްކަތް ކުރިއަށް ގެންދާނީ އޭގެ ސަބަބުން ލިބޭނެ ފައިދާ އާއި ގެއްލުންތަކަށް ރިއާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި ރިޒާވްތައް ގާއިމުކުރުމުން ރާއްޖެއަށް ބޭނުންވާ ތެޔޮ ރައްކާކުރެވޭ މިންވަރު އިތުރުވެ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމަށް ސަރުކާރުން ދެކެއެވެ.





