
މިދިޔަ އަހަރު ތެލަށް 10 ބިލިއަން ޚަރަދުކުރި، ހޭދަ ކުޑަކުރަންޖެހޭ: ވަޒީރު

އަޙްމަދު ސަދޫފް މޫސާ
SHARE
ރާއްޖޭގެ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންވާ ތެޔޮ އެތެރެކުރަން މިދިޔަ އަހަރު އެކަނިވެސް ދައުލަތުގެ ބަޖެޓުން 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި ކަމަށާއި، އެ ހޭދަކުޑަކުރަން ޖެހޭ ކަމަށް ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ ރަށްތަކަށް ކަރަންޓު ދނުމަށް ދުވާލަކު 7،965 ފީފާގެ ތެޔޮ ބޭނުންވާ ކަމަށާއި، އަހަރެއް މައްޗަށް ބަލާއިރު އެއީ 2.9 މިލިއަން ފީފާގެ ތެޔޮ ކަމަށެވެ.
އަދި ކެޕޭސިޓީން ބަލާއިރު 301 މެގަޮވޮޓުގެ ކެޕޭސިޓީ ރާއްޖޭގައި ހުރިއިރު، އޭގެ ތެރެެއިން ދެބައިކުޅަ އެއްބައި ކެޕޭސިޓީ ހުރީ މާލެ ސަރަހައްދުގައި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި މި ދައުރުގެ ދެ އަހަރުގެ ތެރޭގައި ޖުމްލަ 115 މެގަވޮޓްގެ ކެޕޭސިޓީ ހިމެނޭ 157 ޖެނެރޭޓަރު އެކި ރަށްރަށުގައި ބަހައްޓައި، އައު އިންޖީނުގެތައް ވެސް އިމާރަތްކޮށްފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން މިދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް ތެޔޮ އެތެރެކުރަން 10 ބިލިއަން ރުފިޔާ ހޭދަވި ކަމަށާއި، އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ 10 އިންސައްތަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން ތެލަށް މިހާ ބޮޑު ހޭދައެއް ކުރަންޖެހުމަކީ އިގްތިސާދީ ގޮތުން ބޮޑު ގޮންޖެހުމެއް ކަމުގައި ފާހަގަކުރައްވަމުން، މި ހޭދަ ކުޑަކުރުމަށްޓަކައި އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރަން ޖެހޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.





