
ކުރިން ލިބުނު ފްލެޓާއި ގޯތި ދޫކޮށްލުމުގެ އައު އުސޫލު އާންމުކޮށްފި

އަޙްމަދު ސަދޫފް މޫސާ

ހިޔާ ފްލެޓް --
SHARE
ގްރޭޓާ މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ކުރިން ލިބިފައިވާ ބިމާއި ފުލެޓު ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ އައު އުސޫލު ސަރުކާރުން ރޭ ގެޒެޓުކޮށްފިއެވެ.

އައު އުސޫލުގައިވާ ގޮތުން ގޯތި ލިބޭ ފަރާތްތަކުން، ގޯތި ހަވާލުކުރާ ތާރީޚުން ފެށިގެން ގިނަވެގެން ފަސް އަހަރު ދުވަހުގެ ތެރޭގައި، ކުރިން ލިބިފައިވާ ބިން އެއްވެސް އަގަކާ ނުވަތަ ބަދަލަކާ ނުލައި ދޫކޮށްލަންޖެހެއެވެ. މިގޮތަށް ދޫކޮށްލާ ބިން ހަވާލުކުރެވޭނީ އުފަން ދަރިން، މައިންބަފައިން، އަނބިމީހާ ނުވަތަ ފިރިމީހާ، އަދި އެއްބަނޑުއެއްބަފާ މީހުންނަށެވެ. މިފަދަ ފަރާތެއް ނެތް ނަމަ ބިން ދޫކޮށްލަންޖެހޭނީ ދައުލަތަށެވެ.
އެ އުސޫލުގެ ދަށުން ބިން ލިބޭ ފަރާތަކީ 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ބިމެއް ނުވަތަ ފްލެޓެއް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރި ބިންތަކާއި އިމާރާތްކުރަން ދަތި ބިންތައް ވެސް ފަސް އަހަރުގެ ތެރޭގައި ބަދަލަކާ ނުލައި ދައުލަތަށް ދޫކޮށްލަންޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.
މީގެ އިތުރުން ތަރިކައިން ނުވަތަ ވަސިއްޔަތަކުން ލިބެން އޮންނަ ބިމެއްގެ މިލްކުވެރިޔާ ނިޔާވުމުން، އެ ބިން ދޫކޮށްލަންވާނީ ޝަރުޢީ ކޯޓު މެދުވެރިކޮށް އެ މީހެއްގެ އުފަން ދަރިއަކަށް ނުވަތަ އެއްބަނޑުއެއްބަފާ މީހަކަށެވެ. މީގެ އިތުރުން "ބިންވެރިޔާ" ސްކީމުގެ ކެޓަގަރީ އެކެއްގެ ދަށުން ގޯތި ދޫކުރާނީ ކުރިން ލިބިފައިވާ ބިން ދައުލަތަށް ދޫކޮށްލުމުންނެވެ.
ފްލެޓް ދޫކޮށްލުމުގެ އުސޫލު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން ކުރިން ލިބިފައިވާ އެއް ނުވަތަ ދެ ކޮޓަރީގެ ފްލެޓްތައް، އައު ފްލެޓް ހަވާލުކުރުމާއެކު ދައުލަތަށް ދޫކޮށްލަންޖެހެއެވެ. "ބިންވެރިޔާ" ސްކީމުގެ ކެޓަގަރީ ދެގެ ދަށުން ގޯތި ލިބޭ ފަރާތްތަކަށް ވެސް ފަސް އަހަރުގެ ތެރޭގައި ކުރީގެ ފްލެޓް ދޫކޮށްލަން ލާޒިމްވެއެވެ.
އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، އާންމު ދިރިއުޅުމުގެ ބަދަލުތައް ފިޔަވައި އެހެން ގެއްލުމެއް ހުރި ނަމަ، އެ ތަނެއް މަރާމާތުކޮށްފައި ނޫނީ ދައުލަތާ ހަވާލެއް ނުކުރެވޭނެއެވެ.


.jpg&w=3840&q=75)


