
ޔޫއޭއީ ބަންދުކުރިޔަސް، ރާއްޖެއަށް މުދާ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް: ވަޒީރު

އަޙްމަދު ޝާބިން

SHARE
ރާއްޖެއިން އާންމުކޮށް މުދާ ގެންނަ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ބަންދުކޮށްފައި އޮތަސް، ޗައިނާ އަދި އާސިއާނުގެ ގައުމުތަކުން މުދާ އެތެރެކުރާނެ އިތުރު މަގުތައް ހޯދަމުންދާ ކަމަށް އިގްތިސާދާއި ބެހޭ ވަޒީރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެދުއިރުމަތީގަ ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ހާލަތަށް އިޝާރަތްކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ވަޒީރު ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރަކުރާ ޔޫއޭއީ ބަންދުކޮށްފައި އޮތަސް ރާއްޖެއަށް ފަސޭހަކަމާއެކު މުދާ ގެނެވޭނެ ގޮތްތައް ސަރުކާރުން ހޯދަމުންދާކަމަށެވެ.
އެގޮތުން ޗައިނާގެ އިތުރުން އާސިއާނުގެ ގައުމުތައް ކަމުގައިވާ ތައިލެންޑު، ކެމްބޯޑިއާ އަދި މެލޭޝިއާއިންވެސް މުދާ ގެނެވޭނެކަން ފާހަގަކުރައްވައި، ރާއްޖެއިން މިހާތަނަށް މުދާ ނުގެންނަ ބައެއް ގައުމުތަކާއެކުވެސް މުދާ ގެނައުމަށް މަޝްވަރާކުރަމުން އަންނަކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އެ މަޝްވަރާގެ ތެރެއިން އެފްރިކާގެ ގައުމުތަކާއެކު މަޝްވަރާުކުރާކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެެ.

މިހާލަތުގައި އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް ފަހި ކުރުމަށް، އިގްތިސާދު އެހެން ގޮތްތަކަށް ސިންދަފާތުކުރުމަށް ވެސް އިސްކަންދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިގޮތުން އެސްއީޒެޑްގެ ތެރެއިން ސަސްޓެއިނަބަލް ޓައުންޝިޕްގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.



