
ޤާސިމްގެ ތާއީދު ވެސް މޫސާއަށް: މިއަށްވުރެ ޤާބިލު ކެންޑިޑޭޓެއް ނެތް!

އަޙްމަދު ސަދޫފް މޫސާ

SHARE
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މޫސާ ޢަލީ ޖަލީލަށް ތާއީދުކުރައްވާކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އިޢުލާން ކުރައްވައިފިއެވެ.

ޤާސިމް އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޫސާ ޢަލީ ޖަލީލަކީ ޤައުމީ ޚިދުމަތުގެ ފަޚުރުވެރި ރެކޯޑްތަކެއް އޮތް، މި ޤައުމުގެ ދިފާޢުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބަޠަލެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ޤައުމީ ޝަރަފް އަރުވާފައިވާ، ނިޝާން ޢަސްކަރީގެ ޢިއްޒަތުގެ ވެރިއެއްކަންވެސް ޤާސިމް ފާހަގަކުރެއްވިއެވެ.
ޚާއްޞަގޮތެއްގައި 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ޙަމަލާއިން ޤައުމު ސަލާމަތްކުރެއްވުމަށް މޫސާ ޢަލީ ޖަލީލް ކުރެއްވި ހިތްވަރުގަދަ މަސައްކަތްޕުޅަށް ޤާސިމް ތަޢުރީފު ކުރެއްވިއެވެ.
"އެއިރުއްސުރެ މިއަދާ ހަމަޔަށްވެސް އެމަނިކުފާނު ހުންނެވީ އަބަދުވެސް ޤައުމަށްޓަކައި ތައްޔާރަށް. ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބުވެސް އަދާކުރެއްވީ ތެދުވެރިކަމާއެކު. ފަސްބައިގާ ކިލަނބުކަމެއް ނެތް،" ޤާސިމް ވިދާޅުވިއެވެ.
ޤާސިމް އިތުރަށް ވިދާޅުވީ މާލެ ސިޓީ ހިންގެވުމުގެ އެންމެ އިސް މަޤާމަށް މޫސާ ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެރި އަދި ޤާބިލް އެހެން ކެންޑިޑޭޓަކު ނެތްކަން ޔަގީންވާ ކަމަށެވެ. އެހެންކަމުން، މާލެ ސިޓީގެ މުރާލި ދުރުވިސްނޭ މާލިމީއަކަށް އުންމީދުކުރާ ރައްޔިތުންނާއި، އޭނާގެ ބަސް ޤަބޫލުކުރާ އެންމެހާ ފަރާތްތަކުން މޫސާ ޢަލީ ޖަލީލަށް ވޯޓު ދެއްވުމަށް ޤާސިމް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި މޫސާ ޢަލީ ޖަލީލް ވާދަކުރައްވަނީ ކެންޑިޑޭޓް ނަންބަރު 4 އެއްގެ ގޮތުގައެވެ.




