ރަސްމާލެ ޓަނަލުގެ ފަންނީ ދިރާސާތައް ދަނީ ކުރަމުން: ރައީސް

އަޙްމަދު ސަދޫފް މޫސާ

SHARE
މާލެއާއި ރަސްމާލެ ގުޅުވައިދިނުމަށް ގާއިމުކުރުމަށް ނިންމާފައިވާ ކަނޑުއަޑީގެ ޓަނަލުގެ ފަންނީ ދިރާސާގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރަސްމާލެ ޓަނަލްގެ މަސައްކަތް މިވަގުތު އޮތީ ފަންނީ ލެވެލްގެ އިނީޝިއަލް ސްޓޭޖެއްގައި ކަމަށެވެ. އަދި މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ދެ ޑްރެޖަރު ހިމެނޭހެން ޖުމުލަ ތިން ޑްރެޖަރު އެ ސަރަހައްދުގައި ފުލް ޓައިމް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިހާރުވެސް ގާތްގަނޑަކަށް ހަތަރުސަތޭކަ، ފަސްސަތޭކަ، ހެކްޓަރާ ގާތްކުރާ އަދަދަކަށް ހިއްކާ ނިމިއްޖެ މަސައްކަތްތައް ވަރަށް ބާރަށް،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރަސްމާލޭގެ ގޯއްޗަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާއިރު، ގޯތި ދޫކުރަން ބޭނުންވަނީ ހިއްކާފައިވާ ބިމަކުން ކަމަށްވާތީ އެ މަސައްކަތް އަވަސްކުރަން ބޭނުންވާ ކަމަށެވެ.

ބިން ހިއްކުމުގެ މަސައްކަތާ އެކުއެކީގައި ޕްލޭނިންގ މަސައްކަތްތަކާއި އެހެނިހެން އިންފްރާސްޓްރަކްޗާ މަސައްކަތްތަކަށް ސަރުކާރުން ފޯކަސް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޓަނަލުގެ މަސައްކަތުގެ ވެސް ފަންނީ ދިރާސާތައް ކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއީ ހިނގަމުންދާ މަޝްރޫއުއެއް،" ރައީސް ވިދާޅުވިއެވެ.
މާލެ އާއި ރަސްމާލެ ދެމެދު ކަނޑުއަޑީގެ ބިއްލޫރި ޓަނަލެއް އެޅުމުގެ ވައުދު ރައީސް ވެވަޑައިގެންނެވީ 2024 ވަނަ އަހަރުގެ ޖޫން މަހު، މާލޭ ސިޓީގެ އިންތިހާބީ މޭޔަރާއި ކައުންސިލަރުން ހުވާކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، މުޅި ދުނިޔޭގައި ވެސް ގާއިމް ކުރެވޭ އެފަދަ އެންމެ ފުރަތަމަ ކަނޑުއަޑީގެ ޓަނަލަށް އެ ޓަނަލުވާނެ ކަމަށެވެ.






