ރާއްޖޭގެ ސިއްހީ ސިޔާސަތުތައް ނިންމަންވީ ސާބިތުވާ ސައިންސަށް ބިނާކޮށް: ރައީސް

އަޙްމަދު ޝާބިން

SHARE
ސިއްހީ ސިޔާސަތުތައް ބިނާވާންވީ ސާބިތުވާ ސައިންސަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.

މިހެން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅުވައިގެން ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި މެސެޖުގައި ރައިސް ވަނީ ރާއްޖެއަކީ ޒަމާނުއްސުރެ ހެއްކަށް ބިނާކޮށް ގޮތް ނިންމުމުގެ ސަގާފަތެއް ދަމަހައްޓަމުން އަންނަ ގައުމެއްކަން ކަށަވަރުކޮށް ދެއްވާފައެވެ. މިޔާއެކު ސިއްހީ ސިޔާސަތުތައް ބިނާވެފައިވަނީ ޒަމާނީ ސައިންސާއި، ޓެކްނޮލޮޖީ އަދި ސާބިތު ހެކިތަކުގެ މައްޗަށްކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
ރައީސް ވަނީ ރާއްޖޭގެ ސިއްހީ ހިދުމަތްތައް ޑިޖިޓަލައިޒް ކުރާކަމަށާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހޯދުންތަކާއި ހެކިތަކުގެ ބޭނުން ހިފުމާއި ބަލިތައް ދެނެގަތުމުގެ ފަންނީ އުސޫލުތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، ސައިންޓިފިކް މަސައްކަތުގައި އެންމެން ހިއްސާވުމުގެ މުހިއްމު ކަން ފާހަގަކޮށް "ވަން ހެލްތު އިނީޝިއޭޓިވް" ގެންގުޅުމުގެ މުހިއްމުކަން ވަނީ ފާހަގަކުރައްވާފައެވެ. އެއީ އިންސާނީ ސިއްހަތާއެކީ ތިމާވެއްޓާއި ޖަނަވާރުންގެ ސިއްހަތް ރައްކާތެރިކުމުގެ އަސާސެކެވެ. މިއިން ކޮންމެ ބަޔަކުން އަނެއް ބަޔަކަށް އަސަރުކުރާއިރު ޒަމާނީ ވިސްނުމާއެކު ޓެކްނޮޖީގެ ސާބިތު ހެކިތަކަށް ބުރަވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސްގެ އަނބިކަނބަލަުން ސާޖިދާ މުޙައްމަދު ވެސް ވަނީ ހެއްކަށް ބިނާވެފައިވާ ސިއްހީ ހައްލުތައް ހޯދުމަށާއި ދިރާސާތަކަށް ކުރާ ހޭދަ އިތުރުކުރުމަށް ގޮވާލައްވާފައެވެ.
އޭޕްރީލް 7 ވަނަ ދުވަހަކީ ކޮންމެ އަހަރަކުވެސް ދުނިޔޭގެ ސިއްހީ ދުވަހުގެ ގިތުގައި ފާހަގަކުރާ ދުވަހެވެ.




