އެމްޑީޕީން ތިން އިންތިހާބު އެއް ކުރަން ބޭނުންވި، މިހާރު އުޅެނީ ސިޔާސީ ކަމެއް: މަޚްލޫފް

އަޙްމަދު ސަދޫފް މޫސާ

SHARE
އިންތިޚާބުތައް އެއްކޮށް ބޭއްވުމަކީ މީގެ ކުރިން އެމްޑީޕީން ވެސް ވަކާލާތު ކުރި ކަމެއް ކަމަށާއި، ނަމަވެސް މިއަދު އެކަމާ އެ ޕާޓީން ދެކޮޅު ހަދަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ޖަޕާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޚްލޫފް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން މީގެ ކުރިން ނެގި ވޯޓުގައި ވެސް އެމްޑީޕީން އަމަލުކުރީ މިފަދަ ގޮތަކަށް ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ކަމަށް ހީކޮށް އެމްޑީޕީން އެ ނިޒާމަށް ތައްޔާރުވި ނަމަވެސް، ރައީސް މައުމޫން ރިޔާސީ ނިޒާމަށް ތާއީދުކުރެއްވުމުން އެމްޑީޕީން ކުއްލިއަކަށް ބަރުލަމާނީ ނިޒާމަށް ސްޓޭންޑް ބަދަލުކުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މަޚްލޫފް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެކުގައި ބޭއްވުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ތާއީދުކުރެއްވި ކަމެކެވެ. އަދި އޭނާ އެމްޑީޕީގައި ހުންނެވި ދުވަސްވަރު، ރިޔާސީ އިންތިޚާބާއި، މަޖިލީސް އިންތިޚާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބު ވެސް އެއް ދުވަހެއްގައި ބޭއްވުމަށް އެ ޕާޓީން ބޭނުންވި ކަމަށް މަޚްލޫފް ހާމަކުރެއްވިއެވެ.
އަޅުގަނޑު އެމްޑީޕީގެ ހުރިއިރު، އެމްޑީޕީން ތާއީދުކުރި ރިޔާސީ އިންތިޚާބުވެސް. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުވެސް. އަދި ލޯކަލް ކައުންސިލު އިންތިޚާބުވެސް އެއް ދުވަހެއްގައި ބާއްވަން.، މިއަދު މިކަން ކުއްލިއަކަށް މާބޮޑު ސިޔާސީ ކަމަކަށް ބަދަލުވެގެން އުޅެއުޅުން މިއީ ޙަޤީޤަތުގައި އަޅުގަނޑު ކަންބޮޑުވާކަމެއް. މިގޮތަށް މިކަން ސިޔާސީ ކޮށްލައިގެން ގޮސް، މީގެއިން ނެރެން ބޭނުންވާ ނަތީޖާ ނުނެރެވިއްޖެ ކަމުގައި ވާނަމަ، އޭގެ ގެއްލުން އޮންނަނީ ޙަޤީޤަތުގައި ރައީސަކަށް ނޫނޭ އިނގޭތޯ. ރައްޔިތުންނަށް ނޫނީ ޤައުމު. އެއީ ޙަޤީޤަތަކީ، - ޖަޕާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަޚްލޫފް
އިންތިޚާބުތައް އެއްކޮށް ބޭއްވުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން މަޚްލޫފް ވިދާޅުވީ، މީގެ ސަބަބުން ދައުލަތުގެ ބަޖެޓުން 200 ނުވަތަ 300 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. ރިޔާސީ އިންތިޚާބު ނިމި ހަތަރު މަސް ފަހުން އަނެއްކާވެސް ބޮޑު ޚަރަދެއްކޮށްގެން އިންތިޚާބެއް ބޭއްވުމުގެ ބަދަލުގައި، އެ ފައިސާ ސަލާމަތްކުރުމަކީ ގައުމަށް ލިބޭނެ ބޮޑު ފައިދާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިންތިޚާބުތައް އެއްކުރުމުން ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް ނުވަތަ 'ޓާންއައުޓް' އިތުރުވާނެ ކަމަށް ވެސް މަޚްލޫފް ފާހަގަކުރެއްވިއެވެ. ރިޔާސީ އިންތިޚާބެއްގައި އާންމުކޮށް 95 އިންސައްތަ މީހުން ވޯޓުލާން ނުކުންނައިރު، އެއް ދުވަހެއްގައި ވޯޓުލުން ބޭއްވުމުން ރައްޔިތުން ބޭނުންވާ މީހުން އިންތިޚާބު ކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ސީޝެލްސް، އިންޑޮނޭޝިއާ އަދި އެމެރިކާ ފަދަ ގައުމުތަކުގައި ވެސް އިންތިޚާބުތައް އެއްކޮށް ބާއްވާކަން މަޚްލޫފް ފާހަގަކުރެއްވިއެވެ.
މިއީ ސީދާ ހިސާބުޖަހާފައި، މިއީ ސިޔާސީ ޕާޓީއަކަށް، ޕީއެންސީއަށް، ރައީސުލްޖުމްހޫރިއްޔާ ނުވަތަ އެމްޑީޕީ ނުވަތަ އެކޮޅުގައި ކެންޑިޑޭޓަށް ފައިދާވާ ގޮތަށް ހިސާބުޖަހައިގެން ކުރާ ކަމެއް ނޫން. އަޅުގަނޑު ޔަޤީންކޮށް އެނގޭ، މިކަމުން މި ރެފަރަންޑަމުގައި ބަލެވިޔަސް، މޮޅުވިޔަސް، ރައީސަށް ވާނެ ޕާސަނަލް ފައިދާއެއް އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލުނުކުރަން. އޮންނާނެތޯ ރައީސް؟ ކަށަވަރުނޯންނާނެ، - ޖަޕާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަޚްލޫފް
މަޚްލޫފް މިފަދައިން ވިދާޅުވެފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު އެއްކޮށްލުމުގެ ވޯޓު އޮންނާނީ ކުރިއަށް އޮތް ހޮނިހިރު ދުވަހުއެވެ. މީގެ ކުރިން އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ކަމަށްވާ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް އަދި ރައީސް ނަޝީދު ވެސް އިންތިޚާބުތައް އެއްކޮށް ބޭއްވުމަށް ތާއީދުކުރެއްވި ނަމަވެސް، މިހާރު އެ ބޭފުޅުންގެ ވިސްނުންފުޅު ހުރީ ދެ އިންތިޚާބު ވަކިން ބޭއްވުމަށެވެ.



%20(1).jpg&w=3840&q=75)

