"އެމްޑީޕީ ތެރޭގައި ޖެހުނު މައްސަލައަށް ހައްލު ހޯދިއްޖެ"

ޢާއިޝަތު ނުޒުހާ

އެމްޑީޕީގެ ލީޑާޝީޕްގެ އިސްބޭފުޅުން އެކުގައި - ފޮޓޯ: އެމްޑީޕީ
SHARE
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށްފަހު އިދިކޮޅު އެމްޑީޕީގެ އެތެރޭގެ ކޯޅުންތަކާއެކު ޖެހުނު މައްސަލައަށް ހައްލެއް ހޯދިއްޖެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވުން މި ފަހުން އުފެދުނީ އިންތިހާބުގައި އެ ޕާޓީން ހޯދި ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދިނުމުން ކަމަށް ބުނެއެވެ.
ރައީސް ސޯލިހުގެ އުފަން ރަށް ހިންނަވަރުގައި ޕާޓީގެ ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ މައްސަލަ ޖެހުމަށް ފަހު އެކަން ހައްލު ކުރުމަށް އެކި ގޮތް ގޮތުން ބައްދަލުކޮށް, ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އަދި އެކުގައި ކުރިއަށް ދެވޭނެ ގޮތެއް މިހާރު ހޯދިފައިވާ ކަމަށް ވިދާޅުވިއެވެ.
"އާއްމު މެންބަރުން އެ އެދޭ ގޮތަށް އަޅުގަނޑުމެން މުޅި ލީޑަޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިހިސާބަށް އާދެވުނު އިރު ހޯދިއްޖެ," ރައީސް ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން މަސައްކަތް ކުރާނީ ޕާޓީގެ ހުރިހާ ލީޑަރުން ގުޅިގެން ކަމަށެވެ.





