"ޖަލްސާގައި ވާހަކަދައްކަން އެދުނު ކޯލު ނުބޭއްވެނީސް އެކުރީ ބޮއިކޮޓް"

އަޙްމަދު ސަދޫފް މޫސާ
%20(1).jpg&w=3840&q=75)
SHARE
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވަނިކޮށް، ޕާޓީގެ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅޭގޮތުން އޭނާ ފުރަތަމަ ފަހަރަށް ވާހަކަދައްކަވައިފިއެވެ.

ޕާޓީގެ ހަރުގޭގައި ހުންނަވައި ވާހަކަދައްކަވަމުން ގަޕޯ ވަނީ ޖަލްސާއެއް ބޮއިކޮޓް ކުރި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.
އެގޮތުން ގަޕޯ ވިދާޅުވި ގޮތުގައި، ޖަލްސާގެ ޕްރޮގްރާމް ފައިނަލްކޮށްފައި އޮތީ ވަކި ބަޔަކު ވާހަކަދައްކާ ގޮތަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު، އިންތިހާބުވި މޭޔަރުންނާއި ޑަބްލިއުޑީސީ ރައީސުން، ޕާޓީގެ ދެ ކޮމެޓީއެއްގެ ޗެއާކަމުގައިވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.
އެގޮތަށް ނިންމައި އެ ޖަލްސާގެ އެޖެންޑާ ކުޑޫއަށް ފޮނުވީ އެދުވަހު ދޭއް ޖެހިއިރު ކަމަށް ވެސް ގަޕޯ ވިދާޅުވިއެވެ.
ނަމަވެސް، ޕްރޮގްރާމް ފައިނަލް ކުރި ފަހުން، އެރޭގެ ޖަލްސާ ފެށެން ވެފައިވަނިކޮށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގުޅުއްވައި އޭނާ ވެސް އެ ޖަލްސާގައި ވާހަކަދައްކަން ބޭނުންވާ ކަމަށް ވިދާޅުވި ކަމަށާއި، އެކަމާ މެދު މަޝްވަރާކޮށްފައި ގޮތެއް ނިންމާނެ ކަމަށް ވިދާޅުވި ކަމަށް ގަޕޯ ވިދާޅުވިއެވެ.

"ދޭއް ޖެހީމާ ޕްރޮގްރާމް ފައިނަލްކޮށްފައި ކުޑޫއާ ހަވާލުކުރީ. އެއަށްފަހު އެރޭ ފައްޔާޒް ގުޅާފަ ބުނީ ތިމަންނާ ވާހަކަ ދައްކަން ބޭނުމޭ. ފައްޔާޒް ކައިރީ ބުނިން އަޅުގަނޑު ވަގުތުކޮޅެއްދޭށޭ ވާހަކަ ދައްކާފައި އަޅުގަނޑު ގޮތެއް ނިންމާފައި ޖަވާބެއް ދޭނަމޭ. ހަމަ އެކޯލް ބޭއްވިތަނާ ރައީސް ނަޝީދު އަޅުގަނޑަށް ގުޅި. ގުޅާފައި ބުނީ ތިމަންނާއަށް ވާހަކަދައްކަން ފުރުސަތުދޭން ޖެހޭނޭ. އަޅުގަނޑު ބުނިން އަޅުގަނޑު އަމިއްލައަކަށް ނޫނޭ ކަންކަން ނިންމާނީ. ކެމްޕެއިން ކޮމެޓީގައި މަޝްވަރާކޮށްފައޭ ނިންމާނީ އަޅުގަނޑަށް ވަގުތުކޮޅެއް ދޭށޭ. ބުނެފަ ފޯނު ނުބޭއްވޭ ބްރޭކިންތައް އަރުވައިފި ޖަލްސާ ބޮއެކަޓްކުރާ ކަމަށް،"- ގަޕޯ ވިދާޅުވިއެވެ.
ޕާޓީގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގަޕޯ ވިދާޅުވީ، ވޭތުވެދިޔަ ތިން އިންތިހާބާއި ހަތަރު ބައި-އިލެކްޝަނުން ޕާޓީ ފެއިލްވެ، މަގުމަތިވި ވަގުތު ޕާޓީ ނަގައި ކޮޅަށް ޖެހީ އޭނާ ކަމަށެވެ. އަދި ޕާޓީގެ ކާމިޔާބީއަކީ ހުރިހާ ދާއިރާތަކެއްގެ މީހުން ކުރި މަސައްކަތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް މިއަދު ޕާޓީއަށް ލިބޭ ކާމިޔާބީގެ ކްރެޑިޓް ބޭނުން ނުވާ ކަމަށާއި، ނަމަވެސް ޕާޓީ ނިކަމެތިވާ ވަގުތު ދެން ހަވާލުވާނީ ކާކުތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
ޕާޓީ މަގުމައްޗަށް ނުކުތް ވަގުތު އަޅުގަނޑު ތެދުވެ ޕާޓީނަގާ ކޮޅަށް ޖެހީ. އެކަން ދަންނާނެ މިތާ ތިބި އެންމެން. މިއަދު ޕާޓީއަށް ކާމިޔާބު ލިބުނީމާ އޭގެ ކްރެޑިޓް އަޅުގަނޑަށް ދޭށެކޭ އަޅުގަނޑު ނުބުނަން. ދާއިރާތަކުގެ މީހުން، އެންމެން ކުރި މަސައްކަތް. އެ ހަގީގަތް މިއަދު ގަބޫލުކުރަން ޖެހޭ، - އެމްޑީޕީގެ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)

ގަޕޯ އެހެން ވިދާޅުވި ނަމަވެސް، އޭނާ މަގާމުން ވަކިކުރުމަށް އެދި ހުށަހެޅި ޕެޓިޝަނުގައި ޕާޓީގެ އިސް ބޭފުޅުންތަކެއް ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި ކުރީގެ ޗެއާޕާސަނުން ކަމަށްވާ ފައްޔާޒް އިސްމާއިލް އަދި މާރިޔާ އަހުމަދު ދީދީގެ އިތުރުން، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އިބްރާހިމް ވަހީދު އަދި އަކްރަމް ކަމާލުއްދީން ހިމެނެއެވެ.
މި މައްސަލަ ހޫނުވެފައިވަނީ އެމްޑީޕީގެ ކުރީގެ ޑީސީޕީ އިބްރާހިމް ވަހީދު (އިބުރޭ) އަދި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަގާމުން ވަކިކުރި ކަމަށް ބުނެ ގަޕޯ ސޮއިކުރައްވައި ސިޓީ ފޮނުއްވި މައްސަލައާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ބޮޑެތި ހިތްހަމަނުޖެހުންތަކެއް ވަނީ އުފެދިފައެވެ.





