އަހަރެއްތެރޭ ބީއެމްއެލްގެ އޭޓީއެމްގެ އަދަދު ދެ ގުނަ އިތުރުކޮށްފި

ޢާއިޝަތު ނުޒުހާ

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޝަރީފް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
SHARE
މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް އިން ބެހެއްޓި އޭޓީއެމްގެ އަދަދު އޭގެ ކުރީގެ 24 އަހަރާ އަޅާ ބަލާއިރު ދެ ގުނަ އިތުރު ވެފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އެއް ފަހަރާ އެއް ވަގުތެއްގައި 90 އޭޓީއެމް ހުޅުވުމަށް މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ މިހާރު މުޅި ރާއްޖޭގައި 340 އޭޓީއެމް އެބަހުރި ކަމަށެވެ.
"މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި، 187 ރަށެއްގައި 340 އޭޓީއެމް އެބަހުރި. 2025 އިން ފެށިގެން މިއަދު މިހުޅުވޭ އޭޓީއެމްތަކުގެ ޖުމްލަ އަދަދު އޭގެ ކުރީގައި ހުރި އަދަދަށް ވުރެ ދެ ގުނަ އިތުރު." ޝަރީފް ވިދާޅުވެފައިވެއެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތަކީ ހުރިހާ ރަށެއްގެ ރައްޔިތުން ވެސް އަބަދުވެސް ބޭނުންވާ ހިދުމަތެއް ކަމަށާއި އެކަން ހިދުމަތް ބޭނުން ކުރަމުންދާ މިންވަރުން ހާމަކޮށްދޭ ކަމަށެވެ.
"މުޅި އޭޓީއެމް ނެޓްވާރކް މެދުވެރިކޮށް 2025 ވަނަ އަހަރު ވަނީ 17.1 ބިލިއަން ރުފިޔާ ޖަމާކޮށްފަ. އަދި 8.4 މިލިއަން މުއާމަލާތްކޮށްފައި," އޭގެ ތަފާސްހިސާބުތައް ދެއްވަމުން ޝަރީފް ވިދާޅުވިއެވެ.

ބޭންކުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ބޭންކުން 105 ރަށުގައި އަލަށް ބެހެއްޓި އޭޓީއެމްތަކުން މިދިޔަ އަހަރު 356 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.



