ބީއެމްއެލް އިން ކަޅު ބާޒާރުން ޑޮލަރު ގަންނަ ކަމަށް ބުނާ ވާހަކަ އެ ބޭންކުން ދޮގުކޮށްފި

އަޙްމަދު ސަދޫފް މޫސާ

SHARE
ކަޅު ބާޒާރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭރު ފައިސާ ހޯދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނުރަސްމީ ޕްރައިވެޓް ޑީލަރުންގެ އަތުން ބޭންކުން ޑޮލަރު ހޯދާފައިވާ ކަމަށް ބުނެ ކާކުކަން ނޭނގޭ ފަރާތަކުން ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، ބޭންކުން އަބަދުވެސް އަމަލުކުރަމުންދަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ގައިޑްލައިންތަކާއި ރިޕޯޓިން ފްރޭމްވޯކްތަކާ އެއްގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން ބީއެމްއެލް އަކީ ރާއްޖޭގެ އިގްތިސާދާއި ބޭރުގެ މުއާމަލާތްތަކާ ގުޅުވައިދޭ މައިބަދަ ކަމަށް ފާހަގަކުރައްވައި ސައީދު ވިދާޅުވީ، ބޭންކުގެ ބެލެންސް ޝީޓާއި ކެޕިޓަލް އެޑިކުއަސީ ހުރީ ވަރަށް ހަރުދަނާކޮށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބޭންކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
އޭގެ ހެކި އިއްޔެ ޝާއިއުކުރި ބީއެމްއެލްގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކުން ސާބިތުކޮށްދޭކަން ސައީދު ފާހަގަކުރެއްވިއެވެ.
އެގޮތުން އެ ހިސާބުތަކުން ދައްކާ ގޮތުގައި، ބީއެމްއެލް އިން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ޖުމްލަ 226 މިލިއަން ޑޮލަރު ވިއްކާފައިވާއިރު އޭގެ ތެރޭގައި ކާބޯތަކެއްޗާއި ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށް ދޫކުރި 106.2 މިލިއަން ޑޮލަރު ހިމެނެއެވެ. މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅާބަލާއިރު 142 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެ އިތުރުން، އޭޕްރިލް މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެކަނިވެސް ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށް 25 މިލިއަނަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާ ކަމަށް ބޭންކުން ބުނެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.
އެހެންކަމުން ބޭންކުން ބުނި ގޮތުގައި މި ހިސާބުތަކުން ހާމަވަނީ ބޭންކުގެ ލިކުއިޑިޓީ މެނޭޖްމަންޓްގެ ހަރުދަނާކަމާއި، ބޭންކުގެ ޑޮލަރު ރިޒާވް ހުސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމެވެ.



