ވަގުތު ހަމަވެ، ގިނަ ތަންތަނުގެ ވޯޓުލުން ބަންދުކޮށްފި

އަޙްމަދު ސަދޫފް މޫސާ
(1).jpg&w=3840&q=75)
SHARE
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުލުމަށް ކަނޑައެޅި ވަގުތު ހަމަވެ، ގިނަ މަރުކަޒުތަކެއްގައި ވޯޓުލުން ބަންދުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތީ މިއަދު ހަވީރު 4:00 އަށް ވޯޓުލުން ނިންމާލުމަށެވެ.އެހެން ނަމަވެސް، މިއަދު ހެނދުނުން ފެށިގެން ވޯޓުލާ މަރުކަޒުތަކުގައި ކިއުތައް ވަރަށް ބޮޑަށް ދިގުވެ، ގިނަ ބަޔަކަށް ވޯޓުލުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން، ވޯޓުލުމުގެ ވަގުތު މިއަދު ހަވީރު 5:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން އިތުރުކުރިއެވެ.
މިގޮތަށް ވަގުތު އިތުރުކުރަން ނިންމީ ކިއޫތައް ދިގުވުމުގެ އިތުރުން، ހޫނުގަދަވުމުގެ ސަބަބުން ބައެއް މީހުން ހޭނެތިގެން ވެއްޓުމުގެ ހާދިސާތަކެއް ވެސް ހިނގާފައިވާތީ ކަމަށް އިލެކްޝަނުން މައުލޫމާތުދެއެވެ.
މި އިންތިޚާބުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި، މިހާރު ގިނަ މަރުކަޒުތަކެއްގައި ވޯޓުލުން ވަނީ ބަންދުކުރެވިފައެވެ. ވޯޓުލުން ބަންދުކުރި ނަމަވެސް، ވަގުތު ހަމަވިއިރު ކިއޫގައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުސަތު ދޭނެއެވެ.
ވޯޓު ގުނުމުގެ މަސައްކަތާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނީ، ހަވީރު 5:00 ޖެހިއިރު ކިއޫގައި މީހުން ނެތް މަރުކަޒުތަކުގައި 30 މިނެޓުގެ ހުސް ވަގުތެއް ދިނުމަށްފަހު ވޯޓު ގުނަން ފަށާނެ ކަމަށެވެ. އަދި ކިއޫގައި މީހުން ތިބި ނަމަ، ވޯޓު ގުނަން ފަށާނީ ކިއޫގައި ތިބި އެންމެން ވޯޓުލައި ނިމުމުން ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.





